އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ރޯދަ ހަދިޔާ މަސްދަޅު ބަހަން ފަށާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ރަމަޟާން މަހު ވެސް، ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބަހާގޮތަށް ވަނީ ނިންމައިފައެވެ.
ރޯދަ ހަދިޔާ ބެހުމާ ގުޅޭ ގޮތުން އެކުލަވާލައިފައިވާ ޓާސްކު ފޯހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ސިތީތަކާއި ލޯކަލް ކައުންސިލް އިދާރާތަކާ ބެހޭ މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފާއިތުވި ދެ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ރޯދަ ހަދިޔާ ބެހުން ކުރިއަށްގެންދާނެ ކަމަށެވެ.
"ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ސަރުކާރުން ބައްސަވާނީ 48 ދަޅުގެ މަސްދަޅު ކޭސް، ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއްގެ މަގުން. މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޓޯކަން ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލެވޭނެ ކަމަށާއި، އަންނަ މަހުގެ 11ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ފިޔަވައި ރަށްރަށާއި، ސިޓީތަކުގައި ގޭބިސީގޮތުގައި ބަލާފައިވާނީ ވަކިން ކައްކާ ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއެއް ކަމަށާއި، މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކި ގޭބިސީއެއްގެ ގޮތުގައި ބަލާފައިވާނެ ކަމަށެވެ. އަދި މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލިއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ އަދަދަކީ 118,673 އެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށާއި، ސިޓީތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށްގެންދާނެ ކަމަށާއި، މާލެ ފިޔަވައި ރަށްރަށާއި ސިޓީތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކައުންސިލުތަކުން ކަމަށެވެ. އަދި މާލެ ސަރަހައްދު (މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ) ގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ، އެކަމަށް ގާއިމުކުރާ މަރުކަޒުތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މާލެ ސަރަހައްދުގައި 15 މަރުކަޒެއް ގާއިމުކުރެވިގެންދާނެ ކަމަށާއި އެއީ މާލޭގައި އަށް މަރުކަޒު، ވިލިމާލޭގައި އެއް މަރުކަޒު އަދި ހުޅުމާލޭގައި ހަ މަރުކަޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯވިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
ހުޅުމާލެ- ފޭސް 1؛
- ޢުމަރު ޒާހިރު ބިލްޑިން
- ޕޮލްކޯ ޓަވަރު ތިރި
- މުހައްމަދު ގާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2؛
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފްލެޓް
ވިލިމާލެ؛
- ވެމްކޯ ސައިޓް
ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަނަށް ފުލުހުން ރޯދަ ހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފުކޮށް، ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް މިއަދު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މަރުކަޒުތަކުން ރޯދަ ހަދިޔާ ދޫކޮށް ނިންމަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ގެ ނިޔަލަށެވެ.
''މިކަން ކުރިއަށް މި ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން. މިފުކޯއިން ޕްރޮޑަކްޝަން މަސައްކަތް ކޮށްދެއްވި. އެސްޓީއޯއިން މި މަސައްކަތުގެ ޓްރާންސްޕޯޓާއި ލޮޖިސްޓިކްސް ހަމަސަވައިދެއްވި،'' މިނިސްޓަރު ވިދާޅުވިއެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބްލިޔުއެސްސީ އަދި މިފްކޯ ހަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ގާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯއިން މަސައްކަތްކުރެއެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅޭނެއެވެ. އެކަމަށް ހާއްސަ ކޮށްފައިވާ ނަންބަރަކީ 7741446 އެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް