ގާޒާ ބޯޑެއްގެ ވާހަކަ މިހާރު އަަޑު އެބައިވެއެވެ. ކޮންކަހަލަ ބޯޑެއް ބާވައެވެ. މިއީ ކުންފުނިތަކުގެ ބޯޑު ކަހަލަ ބޯޑެއް ހެއްޔެވެ. ގާޒާއަކީ ވިޔަފާރި ކުންފުންޏަކަަށް ބަލައިގެން އެކުންފުނި ހިންގާން ބޯޑެއް އެކުލަވައިލީ ހެއްޔެވެ. އެހެންވެސް ވެދާނެއެވެ. މި ބޯޑެއް އެކުލަވައިލެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އިއުލާން ކުރެއްވީވެސް އޭނާއެވެ. ޓްރަމްޕަކީ ވިޔަފާރިވެރިއެކެވެ. އެހެންވީމާ ގާޒާއަށް ސުލްހަ ގެނެސް، ގާޒާ އާރާސްތުކޮށް ހަމަޔަކަށް އެޅުވުމަށްޓަކައި ކުންފުންޏެއްގެ ގޮތުގައި ގާޒާ ނެންގެވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ގާޒާ ބޯޑުގެ ރަސްމީ ނަމަކީ ދަ ބޯޑް އޮފް ޕީސް، ބީއޯޕީއެވެ. ކުރިއަށް މިދާ ޖެނުއަރީ މަހުގެ ތެރޭގައި މި ބޯޑު އެކުލަވާލައްވައި އިއުލާން ކުރެއްވީ ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ޓްރަމްޕެވެ. މި ބޯޑުގެ ޒިންމާއަކީ ހަމާސްއާއި އިޒްރޭލާ ދެމެދު ހަމަލާތައް ހުއްޓައިލުމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން ގާޒާގެ އިދާރީ ކަންކަން ބެލެހެއްޓުމެވެ. ގާޒާ އަލުން އާރާސްތު ކުރުމާއި އިގްތިސާދީ ގޮތުން ގާޒާ އަލުން ނަގައި ކޮޅަށް ޖެހުމެވެ.

ބޯޑުގެ ޗެއަރމަނަކީ ހަމަސީދާ ރައީސް ޓްރަމްޕެވެ. ބޯޑުގައި ދެން ހިމެނޭ މީހުންގެ ތެރޭގައި ޓްރަމްޕުގެ ދަނބިދަރިފުޅު ޖެރަޑް ކުޝްނާރ ހިމެނެއެވެ. އޭނާއަކީ ޔަހޫދީއެކެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާރއަކީވެސް ބޯޑުގެ މެންބަރެކެވެ. ނުވަތަ ޑިރެކްޓަރެކެވެ. ބްލެއާރއަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްއާ ބައިވެރިވެގެން 2003 ވަނަ އަހަރު އިރާގު ސުންނާފަތި ކުރުމުގެ އާރުކާޓީއެކެވެ. ކޮންމެއަކަސް ގާޒާގެ ބޯޑުގެ މެންބަރުން ތިއްބަވާނީ އެބޭފުޅުން ނިސްބަތްވާ ގައުމުތަކުގައެވެ. ފިނިކުރި ކޮޓަރި ކޮޓަރީގައެވެ. މި ބޯޑުން އަންގާ ގޮތެެއްގެ މަތިން ގާޒާގައި ހަރަކާތްތެރިވާނީ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. މި ކޮމިޓީއަށް ކިޔަނީ ނެޝަނަލް ކޮމިޓީ ފޯރ ދި އެޑްމިނިސްޓްރޭޝަން އޮފް ގާޒާ، އެން.ސީ.އޭ.ޖީއެވެ. ޖުމްލަ ފަނަރަ މީހުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ ވެރިޔަކީ ޢަލީ ޝަޢަތެވެ. ފަލަސްތީނު މީހެކެވެ. މިއީ އަނެއްކާ ކާކުބާވައެވެ.

އުމުރުން 67 އަހަރުވީ ޝަޢަތަކީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާހުގެ ސަރުކާރުގެ ކުރީގެ ޑިޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރެވެ. އަޑުއިވޭ ގޮތުން ހުޅަނގުގެ އެޖެންޓެކެވެ. ނިސްބަތްވަނީ ގާޒާގެ ޚާން ޔޫނުސަށެވެ. އެކަމަކު ދިރިއުޅެނީ ހުޅަނގު އައްސޭރީގައެވެ. ކޮންމެއަކަސް މި ޢަލީ ޝަޢަތުގެ ވެރިކަމުގެ ދަށުގައިވާ މިދެންނެވި ކޮމިޓީއަކީ މިނިވަން މުސްތަގިއްލު ކޮމިޓީއެއް ނޫނެވެ. އެމީހުންގެ މައްޗަށް ބަސްބުނެ އަމުރު ކުރާން އޮންނާނީ އެއްކަލަ ގާޒާ ބޯޑެވެ. މި ބޯޑުގެ ޗެއަރމަނަކީ ރައީސް ޓްރަމްޕު ކަމަށްވާތީ ގާޒާގެ މިހާރުގެ އެންމެމަތީ ވެރިޔަކީ ޓްރަމްޕެވެ. ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާހާ ބެހޭ ކަމެއްވެސް ނޫނެވެ. ބޯޑެއް އޮތަސް ނެތަސް ގާޒާގެ ކަންކަން ހަމަޔަކަށް އެޅުވޭނީ ގާޒާގެ ރައްޔިތުންނާއި އިޒްރޭލުގެ އެއްބާރުލުން ލިބިގެންނެވެ. އިތުބާރު އޮވެގެންނެވެ. ފެންނަ ފެނުމުގައި އިތުބާރުގެ ރޮދިފަށެއްވެސް ނެތެވެ. އެމެރިކާއަކީ އިޒްރޭލުގެ މިތުރަކަށްވިޔަސް ނަތަންޔާހޫ އެހުރީ ނުރުހި ތުންދަމައިގެންނެވެ.

ގާޒާ ބޯޑުގައި އިސްކޮށް ތިބޭނޭ ތިން މީހުންގެ ވާހަކަ ބަޔާން ކުރެވިއްޖެއެވެ. އެއީ ޓްރަމްޕާއި އޭނާގެ ދަނބިދަރިފުޅު ޖެރަޑް ކުޝްނާރ އާއި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާރއެވެ. މީގެ އިތުރަށް ދެން މި ބޯޑުގައި ހިމެނޭ މީހުންގެ ތެރޭގައި އެމެރިކާގެ މިހާރުގެ ޚާރިޖީވަޒީރު މާރކޯ ރޫބިއޯއާއި ދުނިޔޭގެ ބޭންކުގެ ރައީސް އަޖޭ ބަންގާވެސް ހިމެނެއެވެ. އޭނާއަކީ އިންޑިޔާގެ ޕަންޖާބީ ސިކެކެވެ. މި ބޯޑުގައި ހިމެނުމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނާއި ގަތަރުގެ އަމީރު ޝައިޚު ތަމީމާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީއަށްވެސް ވަނީ ދައުވަތު ދީފައެވެ. ބޯޑުގެ ޗެއަރމަނުގެ ހައިސިއްޔަތުން ބޯޑަށް މީހުން ލުމާއި ވަކިކުރުމުގެ ހުރިހާ އިޚުތިޔާރެއް އޮތީ ޓްރަމްޕަށެވެ. ބޭނުންވީމާ ލާންވީއެވެ. ބޭނުންވީމާ ވަކިކުރަންވީއެވެ. އެޒާތަށް ވަރަށް ދޯދިޔާގޮތަކަށް އޮތް ކަމެކެވެ. ބޯޑުގެ ކުޑަބޮޑުމިނަކީ ޓްރަމްޕު ނިންމަވާނޭ ގޮތަކަށް ނިންމަވާން އޮތް ކަމެކެވެ. އެހެން ބަޔަކަށް ބަހެއް ބުނާން ފުރުސަތެއް ނެތެވެ.

ރައީސް ޓްރަމްޕު ބޭނުންފުޅުވީމާ ޒާތްޒާތުގެ ބޯޑު ހައްދަވައިގެން އޭނާ ރުހިވަޑައިގަންނަވާ ބަޔަކު ލައިގެން ދުނިޔޭގެ އެކި ސަރަހައްދުތައް މިމަގުން ހިންގިދާނޭ ބާވައެވެ. އެކަމަށް ގާނޫނީ ބާރުލިބިދޭ ކޮންމެވެސް ހުއްޖަތެއްވެސް އޮންނަން ވާނޭތާއެވެ. ޓްރަމްޕު ވިދާޅުވަނީ ގާނޫނީ ބާރާއި ހައިސިއްޔަތު އެބައޮތް ކަމުގައެވެ. އެ ބާރާއި ހައިސިއްޔަތު ލިބިދެނީ ހުސްވި 2025 ވަނަ އަހަރުގެ ނޮވެމްބަރު ސަތާރައިގައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ 2803 ނަމްބަރު ގަރާރުން ކަމަށްވެސް ޓްރަމްޕު ވިދާޅުވެއެވެ. މިގަރާރުގައި އޮތީ މައިގަޑު ދެވާހަކައެކެވެ. އެއްވާހަކަޔަކީ އެމެރިކާއިން ހުށައެޅި ސުލްހައިގެ ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން ގާޒާގައި ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ގާއިމުކުރުމާއި ގާޒާގެ ކަންކަން ވަގުތީގޮތުން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ބޯޑެއް ގާއިމު ކުރުމުގެ ވާހަކައެވެ. ޓްރަމްޕާއި އޭނާގެ ދަނބިދަރިފުޅާއި އޭނާގެ ޚާރިޖީވަޒީރުވެސް ލައިގެން އެއޮތީ ބައިނަލްއަގުވާމީ ބޯޑެކެވެ. ބައިނަލްއަގުވާމީ ވާނީ ދެން އެހައިވަރަށެވެ.

މިދެންނެވި ބޯޑަކީ ވަގުތީ ބޯޑަކަށްވިޔަސް އޭގެ މުއްދަތެއް ނެތެވެ. ކޮޅެއް މެދެއް ވަކިވުމެއް ނެތެވެ. އެންމެ ފުރަތަމަވެސް ކުރާންއުޅޭ ކަމަކީ ހަމާސްގެ މުޖާހިދުންގެ އަތުން ހަތިޔާރު އަތުލައި ބައިނަލްއަގުވާމީ ސުލްހައިގެ ފައުޖެއް ގާއިމު ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތާމެދު އިޒްރޭލުން ބުނަނީ ކީކޭބާވައެވެ. ހަމާސްގެ މުޖާހިދުންގެ އަތުން ހަތިޔާރު އަތުލުމުގައި އިޒްރޭލުގެ މައްސަލައެއް ނެތެވެ. އެކަމަކު އަރަބި އިސްލާމީ ގައުމުތަކަށް ނިސްބަތްވާ ބަޔަކު ސުލްހައިގެ ފައުޖުގައި ހިމަނަން އިޒްރޭލް އެއްބަހެއް ނޫނެވެ. ނަތަންޔާހޫ ބުނަނީ މިކަން މިކުރަނީ އޭނާގެ މަޝްވަރާ ނުހޯދައި ކަމުގައެވެ. ކުރާންއުޅޭ ކަންކަމުގެ ތެރޭގައި އިޒްރޭލުން ރާވާފައިވާ ކަންކަމާ ފުށުއަރާ އެތައްކަމެއްވެސް ހިމެނޭ ކަމުގައެވެ. ކޮންމެއަކަސް ނަތަންޔާހޫގެ ބަސްމަގު މިވަގުތު ހުރީ މިހެންނެވެ. އަނެއްކޮޅުން މި ބޯޑުގެ ފިކުރުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މަގުފަހިވާ އެއްވެސް ކަމެއް ނުހިމެނޭތީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށްވެސް ބަލައިގަންނަން ފަސޭހަ ބޯޑަކަށް ނުވެއެވެ.