އޮޕަރޭޝަން އީގަލް ކްލޯއަކީ 1980 ވަނަ އަހަރުގެ އެޕްރީލް ސައުވީހުން ފަންސަވީހަށް އީރާނުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގަން އުޅުނު ވަރަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެކެވެ. މަގުސަދަކީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އެމެރިކާގެ އެމްބަސީގެ ތެރޭގައި އީރާނުގެ ކިޔަވާކުދިން ހިފަހައްޓައި ރަހީނުކޮށްފައިވާ އެމެރިކާގެ 53 ޑިޕްލޮމެޓުން މިނިވަންކޮށް ވައިގެމަގުން އެމެރިކާއަށް ގެންދިއުމެވެ. މި އޮޕަރޭޝަނަށް ހުއްދަ ދެއްވީ އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާޓަރެވެ. އޮޕަރޭޝަން ތަންފީޒު ކުރުމުގެ ކަންކަމާ ހަވާލުވީ ޑެލްޓާ ފޯހުންނެވެ. މިއީ އެމެރިކާ ސިފައިންގެ ތެރެއިން މިބާވަތުގެ ކަންކަމަށް ޚާއްސަ ވަރަށް ވަރުގަދަ ފައުޖެކެވެ. އީގަލް ކްލޯގެ މާނަޔަކީ ބާޒުގެ ވަތްކެވެ. އެމެރިކާގެ ގައުމީ ނިޝާނަކީ ބާޒެކެވެ. މިނަން ދިނުމުގެ ބޭނުމަކީ އެމެރިކާގެ ވަކިތަކުގެ ތޫނުކަމާއި ވަރުގަދަކަން އީރާނަށް ދެއްކުމެވެ. ބާޒުގެ ވަކިތަކުން އީރާން ސަލާމަތް ނުވާނޭކަން ދެއްކުމެވެ. ކޮންމެއަކަސް މި އޮޕަރޭޝަން ބަހައިލެވިފައި އޮތީ ދެ ފިޔަވައްސަކަށެވެ.

ފުރަތަމަ ފިޔަވަހީގައި އޮތީ އެމެރިކާގެ ސިފައިންނާއި ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތައް އީރާނަށް ވެއްދުމެވެ. މި ފިޔަވަހީގެ މަރުކަޒަކަށް ހެދީ ވެރިރަށް ތެހެރާނާއި ދުއިސައްތަ މޭލު ދުރުގައިވާ ދަޝްތޭ ކަވީރު ނަމަކަށް ކިޔުނު ސަހަރާއެކެވެ. ފަހު ފިޔަވައްސަކީ އެތަނުގައި ތިބެފައި ސިއްރިޔާތުގައި ތެހެރާނަށްގޮސް އެމްބަސީއަށް ވަދެގަތުމެވެ. މި އޮޕަރޭޝަން ފެށުމާއެކު އެމެރިކާއަށް ކުރިމަތިވީ އެކިކަހަލަ ގޮންޖެހުންތަކެވެ. ދަޝްތޭ ކަވީރަށް ފޮނުވި ޖުމްލަ 8 ހެލިކޮޕްޓަރުގެ ތެރެއިން އެތަނަށް ފޯރިއިރު ބޭނުންކުރެވޭ ހާލަތުގައި އޮތީ އެންމެ ފަސް ހެލިކޮޕްޓަރެވެ. ބޭނުން ނުކުރެވުނު ތިން ހެލިކޮޕްޓަރުގެ ތެރެއިން އެކަތީގެ ހައިޑްރޯލިކް ނިޒާމު ވަނީ ފޭލްވެފައެވެ. އެކަތީގެ ބުރަފަތީގައި ވަނީ ރެނދު ލައިފައެވެ. އަނެކަތި ވަނީ ވެލީގެ ތޫފާނެއްގައި ޖެހިގެން ހަލާކުވެފައެވެ. މި އޮޕަރޭޝަން ރޭވިއިރު ނިންމާފައި އޮތީ މަދުވެގެން ހަ ހެލިކޮޕްޓަރު ބޭނުން ނުކުރެވެންޏާ އޮޕަރޭޝަން ކުރިއަށް ނުގެންދިއުމަށެވެ.

މިދެންނެވި ސަބަބަށްޓަކައި މިކަން ހުއްޓާލުމުގެ ހުއްދަޔަށް އެދުމުން ރައީސް ޖިމީ ކާޓަރު އެ ހުއްދަ ދެއްވިއެވެ. ހަގީގީ މުސީބާތާ ކުރިމަތިވީ އީރާނުން ފައިބަން އުޅުމުގެ ތެރޭގައެވެ. ވެލީގެ ތޫފާނެއް ކުރިމަތިވެ ބާކީ ފަސް ހެލިކޮޕްޓަރުގެ ތެރެއިން ދޭއްޗެއް މުޑިއަރައި އެދޭތީގައި ތިބި އެންމެން މަރުވެއްޖެއެވެ. މަރުވި ޖުމްލަ އަދަދަކީ އަށެއް ކަމަށް އެނގިފައިވެއެވެ. އީރާނުން ބުނަނީ އެމެރިކާ ސިފައިންގެ ތެރެއިން ނުވަ މީހަކު މަރުވި ކަމުގައެވެ. ކޮންމެއަކަސް ސަލާމަތުން ތިބި ބަޔަކު ބޯޖެހިތާ ނަގޫޖަހަމުން އަވަސް އަވަހަށް ބަޗައިގެން ދިޔައީ މަރުވި މީހުންނާއި ހަލާކުވި ފަސް ހެލިކޮޕްޓަރު ސަހަރާގެ ތެރެއަށް ދޫކޮށްލައިފައެވެ. މިކަން މިމަގުން ހިނގިކަން އެމެރިކާއިން އެއްބަސްވީ ޖެހިގެންއައި ދުވަހުއެވެ. އެޕްރީލް ފަންސަވީހުގައެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ ރޫހު ﷲ ޚުމައިނީ މިކަން ސިފަކުރެއްވީ އިލާހީ މުއުޖިޒާތެއްގެ ގޮތުގައެވެ. ދުޝްމަނުންގެ ކިބައިން އީރާން ރައްކާތެރި ކުރެއްވުމެއްގެ ގޮތުގައެވެ.

އާޔަތު ﷲ ޚުމައިނީގެ އަސްލު އިބާރާތުން ދަންނަވައިލާނަމެވެ. ރައީސް ކާޓަރުގެ ހެލިކޮޕްޓަރުތައް ހަލާކުކުރީ ކާކުހެއްޔެވެ. އަހަރެމެންނެވެ. އަހަރެމެންގެ ވެއްޔެވެ. ވެއްޔާއި ވަޔަކީ އިލާހީ ހަތިޔާރެކެވެ. ރައީސް ކާޓަރު ބޭނުމިއްޔާ އަދިވެސް މިކަމާ އުޅޭށެވެ. ދެންވެސް ހަމަ ކުރިމަތިލާންޖެހޭނީ މި ނަތީޖާއާއެވެ. ޚުމައިނީގެ މި ވިދާޅުވުމަކީ ރައީސް ކާޓަރަށް ހަޖަމުކުރެވުނު ވިދާޅުވުމަކަށް ނުވިއެވެ. އެހެންވެ ކުރިއަށްވުރެ ވަރުގަދަ އޮޕަރޭޝަނެއް ރާވަން އޭނާ އަމުރު ކުރެެއްވިއެވެ. ފަހުގެ އޮޕަރޭޝަނަށް ދިންނަމަކީ އޮޕަރޭޝަން ކްރެޑިބަލް ސްޕޯޓްއެވެ. މި އޮޕަރޭޝަނުގައި ބޭނުންކުރަން ރޭވީ ހެލިކޮޕްޓަރެއް ނޫނެވެ. ހަމަސީދާ މަތިންދާބޯޓެވެ. ވަރަށް ކުރު ރަންވޭއަކަށް ޖެއްސޭގޮތަށާއި އުދުއްސައިލެވޭ ގޮތަށް ޖުމްލަ ތިން ބޯޓު މޮޑިފައިކޮށްގެންނެވެ. މިގޮތަށް މޮޑިފައި ކުރެވުނު ތިން ބޯޓުގެ ތެރެއިން އެއްބޯޓު އަޖުމަބެލުމުގެ މަރުހަލާގައި ވެއްޓި ކުދުކުދި ވެއްޖެއެވެ. އެއީ 1980 ވަނަ އަހަރުގެ އޮކްޓޫބަރު ނަވާވީހެވެ.

އޭރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުންވެސް އޮތީ ބޯމަތި ވެފައެވެ. އެހެންވީމާ ކާޓަރުގެ ދައުރުގައި ދެން އިތުރަށް މިކަމާ ނޫޅެން ނިންމީއެވެ. އިންތިޚާބު ބޭއްވުނީ ޖެހިގެން އައި ހަފުތާގެ ތެރޭގައެވެ. ނޮވެމްބަރު ހަތަރެެއްގަައެވެ. ޖިމީ ކާޓަރާ ވާދަކުރެެއްވީ ރިޕަބްލިކަން ޕާޓީގެ ރޮނަލްޑް ރޭގަންއެވެ. ރޭގަންއަށް 489 އިލެކްޓޮރަލް ވޯޓް ހޯއްދެވުނުއިރު ޖިމީ ކާޓަރަށް ހޯއްދެވުނީ އެންމެ 49 އިލެކްޓޮރަލް ވޯޓެވެ. މަގާމުގައި ހުންނެވި ރައީސަކަށް އެމެރިކާގެ ތާރީޚުގައިވެސް ލިބުނު އެންމެ ދެރަވަރު ނަތީޖާއެވެ. މިހާބޮޑު ބައްޔަކުން ކާޓަރު ބަލިވުމުގެ ސަބަބަކީ އީރާނެވެ. އީރާނުގައި އެމެރިކާ ސިފައިންނަށް ކުރިމަތިވި ނާކާމިޔާބީއެވެ. އަދި ފަހުން ހިންގާން އުޅުނު އޮޕަރޭޝަންވެސް ތޮޅިއަށް ދިއުމެވެ. ޖިމީ ކާޓަރުގެ ވެރިކަން 20 ޖެނުއަރީ 1981 ގައި ނިމިގެންދިޔައީ ރަހީނުން މިނިވަން ނުކުރެވިއެވެ. އެކަމަށްޓަކައި ކުރިހައި ކަމަކާއި ރޭވިހައި ރޭވުންތައް ނާކާމިޔާބު ވެގެންނެވެ.

އީރާނުގެ ވެެރިން އޭރު ހީކުރީ އީރާނުގެ ދުޝްމަނަކީ ޖިމީ ކާޓަރު ކަމުގައެވެ. އައު ރައީސް ރޮނަލްޑް ރޭގަން ތަފާތުވާނޭ ކަމުގައެވެ. އެހެން ހީކޮށް އައު ރައީސަށް ހެޔޮއެދުން ރައްދުކުރުމުގެ ގޮތުން އޭނާ މަގާމުގެ ހުވައި ކުރެއްވުމުގެ ދެތިން ގަޑި ކުރިން އީރާނުން ވަނީ ތެހެރާނުގެ އެމްބަސީގެ ތެރޭގައި ތިބި އެމެރިކާގެ 52 އަސީރުން މިނިވަންކޮށް ދޫކޮށްލައިފައެވެ. މިކަންކުރީ އަލްޖީރިއާގެ މެދުވެރިކަމުގެ ދަށުންނެވެ. އީރާނުގެ ހީކުރުން މުޅިން ގޯހެވެ. ރައީސް ރޭގަން ހިމެނުނީ އީރާނަށް ދަތިކުރުމާއި ޖެއްސުން ކުރުމުގައި ޖިމީ ކާޓަރަށްވުރެވެސް ކުރިއަށް ނުކުމެ ހުންނެވި ބޭފުޅެއް ކަމުގައެވެ. ރޭގަންގެ ދައުރުގައި އީރާނާ ދެކޮޅަށް ހިންގި އެންމެ ބޮޑު ޖަރީމާއަކީ ގަލްފުގެ މަތިން އީރާނުގެ އެއަރލައިނުގެ ބޯޓެއް ވައްޓާލައި 290 މީހުން މެރުމެވެ. މިކަމެއް ކުރީ 3 ޖުލައި 1988 ގައެވެ. ބޯޓު ވައްޓާލައިފައި ވިދާޅުވިއެވެ. ތިމަންމެން ހީކުރީ އެމެރިކާގެ މަނަވަރަކަށް ހަމަލަދޭން އަންނަ އީރާނުގެ ހަނގުރާމަމަތީ ބޯޓެއް ކަމުގައެވެ.