"ބޯހިވާހިކަން އެންމެންނަށް" ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް ހުށަހަޅާ ފޯމްތަކުގައި ހުރި މައުލުމާތުތަކަކީ ސައްހަ މައުލޫމާތޯ ބެލުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ބަލަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުލް މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފޯމްތައް ހުށަހަޅަން ފެށުމުން ލިޔުންތައް ވެރިފައިކޮށް ސައްހަކަން ބަލަން ފަށާނެ ކަމަށެވެ. އަދި އެކަން ކުރާނީ ލިސްޓެއް ހަދައިގެން އެކަން ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ޕްރައިވެސީ ހިފެހެއްޓޭނެ އުސޫލެއްގެ ތެރެއިން ކަމަށެވެ. އަދި ކޮންމެ ފޯމެއްވެސް ހުށަހަޅާފައިވަނީ ސައްހަ މައުލޫމާތުގައި ތޯ އާއި ޝަރުތު ހަމަވޭތޯ ވަކިވަކިން ބަލާނެ ކަމަށެވެ.

"އެކަން އެގޮތަށް އަޅުގަނޑުމެން ކުރަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އެޕްލިކޭޝަން ޕްރޮސެސް ނިމެންވާއިރަށް ވީހާވެސް ގިނަ ޝަރުތުހަމަވާ ފަރާތްތަކާއި ޕޮއިންޓްހަމަވާ ފަރާތްތައް ދީފައިވާ މައުލުމާތަކީ ސައްހަ މައުލޫމާތުތަކެއްތޯ ބެލުން. އެހެންވެ އިވެލުއޭޝަނަކަށްވުރެ ބޮޑަށް ކޮންމެ އެޕްލިކޭޝަނެއްވެސް ފުރާފައި އޮތީ ސައްހަ މައުލޫމާތުގައި ތޯ ބަލާނަން." މިނިސްޓަރު ވިދާޅުވިއެވެ.

"އެމަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭ ހަފުތާގައި، ސަބްމިޓްވާ ފޯމްތައް ލިބޭވަރަކުން ވެރިފިކޭޝަން މަސައްކަތް ކުރިއަށް ގެންދާނަން،"

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށްފަހު އެ ފޯމް ކެންސަލްކޮށްފައި އަލުން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެއީ ފޯމްތައް ހުށަހެޅުމަށްފަހު ކެންސަލްކޮށް އަލުން ސަބްމިޓްކުރުމުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެއީ ހުރިހާ އެންމެންގެ ހައްގުތަކާއި ރިސޯސްތައް އެންމެ ރަނގަޅަށް ބޭނުންކުރަން ކަމަށެވެ.

އެހެން ނަމަވެސް ވަރަށް ބޮޑު މައްސަލައެއް ދިމާވެގެން ފޯމް ބަދަލުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައިދެވޭނެ ގޮތްތަކެއް ހޯދައިދޭނެ ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުން އެބަހުރި އެ ފުރުސަތު ދިނީމަ ފޯމް ފުރާފައި އެއްވެސް ސަބަބަކާ ނުލައި ކެންސަލްކޮށްފައި އަނެއްކަ ފުރާފައި ކެންސަލްކޮށްފަ ޓްރަޔަލް އެންޑް އެރާ ގެ ގޮތުގައި މިކަން ކޮށްފައި. މިހާރު އަޅުގަނޑުމެން ހަދާފައި މިއޮތް އުސޫލުގެ ދަށުން ޕޯޓަލްގައި ފޯމް ސަބްމިޓްކުރީމަ އެނގޭނެ އެފަރާތްތަކަށް ލިބޭ ޕޮއިންޓްތަކާއި ތަފްސީލްތައް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފޯމް ހުށަހަޅާއިރު ސައްހަ މައުލޫމާތު ހިމަނައިގެން އަދި އެކަމަށް ބޭނުންވާ ވަގުތު ނަގައިގެން އެންމެ ފުރިހަމައަށް އެކަން ކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ. ލިޔުންތައް ހަމަކޮށްގެން ފޯމް ފުުރުމަކީ ފޯމް ފުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

"އެ ހަމަނުކޮށް ލައިގެން ނުވަތަ އަޅުގަނޑުމެންނަށް އެފަރާތުން ދީފައިވާ މައުލޫމާތަކީ ސައްހަ މައުލުމާތުކަން ޔަގީންވާވަރަށް ލިޔުންތައް ހުށަނާޅާ ކަމަށް ވަންޏާ އޭގެ ޒިންމާ އަޅުގަނޑުމެން ނަގާކަށް ބޭނުމެއް ނުވޭ. ހަގީގަތުގައި އެއީ އެ މަސައްކަތްކޮށްގެން ޑޮކިއުމަންޓްތައް ހޯދާފައި ސަބްމިޓްކުރާ ފަރާތްތަކުގެ ހައްގުތައް އޭގެން ނިގުޅައިގަނެވެނީ،"

މިނިސްޓަރު ވިދާޅުވީ ފޯމް ހުށަހަޅާ ޕޯޓަލްގައި އުސޫލުތަކާއި ޓެމްޕްލޭޓްތައް ދީފައިވާނެ ކަމަށާއި އަދި މިނިސްޓްރީގައި އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ޓެންޓެއްވެސް ގާއިމްކޮށްފައިވާނެ ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަމުންދަނީ ސިސްޓަމެއް ނުވަތަ ޑޭޓާބޭސްއެއް ގާއިމްކުރަން ކަމަށާއި ބޭނުންވަނީ ވެއިޓްލިސްޓުގެ ގޮތުގައި މި ލިސްޓު ބާއްވަން ކަމަށެވެ. އަދި ފްލެޓްތައް އިތުރުވާ ވަރަކަށް މައުލޫމާތު އަޕްޑޭޓް ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި އަހަރުގެ އެޕްރިލް 17 ވާ ހުކުރު ދުވަހުގެ 23:59އެވެ. އަދި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗް 2026 ވާ ބުދަ ދުވަހެވެ.

މިނިސްޓަރު ވިދާޅުވީ އެހާކުރިން ފޯމްތައް ވެރިފައިކޮށް މަސައްކަތްތައް ފަށަނީ ވީހާވެސް އިންސާފުވެރިކަމާއެކު ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކާއެކު އެގްރިމަންޓްތައް ހަދައި ފްލެޓްތައް ނިމޭވަރަކުން ފްލެޓްތައް ހަވާލުކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއްނުވޭ 2028ގެ އިންތިހާބު އައީމަ އިންތިހާބަށް ކުރާކަމެއް ގޮތަށް މިކަން ކުރާކަށް،"

ގޯއްޗާއި ފްލެޓްތަކަށް އެދުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހުޅުވާލިއިރު މިހާތަނަށް 800 އަށްވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.