އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ނިންމި ނިންމުމަކީ "ބޮޑު މޮޔަ ކަމެއް"ގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް ސިފަކުރައްވައިފިއެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާކަމުގައިވާ، ޓްރޫތު ސޯޝަލްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، އިންޑިއާ ކަނޑުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް އޮންނަ ޑިއޭގޯ ގާސިއާ ހިމެނޭ ސަރަހައްދު ދޫކޮށްލުމަކީ އެއްވެސް ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޓްރަމްޕު ވިދާޅުވީ، ޗާގޯސް މޮރިޝަސްއަށް ދޫކޮށްލުމުން ދުނިޔޭގެ އެހެން ބާރުތަކަށް ނުރަނގަޅު މެސެޖެއް ލިބިގެންދާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް މިދިޔަ އަހަރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒުގެ ކޮންޓްރޯލް އިނގިރޭސިވިލާތުން ދަމަހައްޓާނެއެވެ.

ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގެ މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާ އިރު، އޭގައި ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއަށް ދޫކޮށްލުމަށްފަހު، ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ކުލީގެ ގޮތުގައި އަހަރަކު 101 މިލިއަން ޕައުންޑް، 99 އަހަރު ވަންދެން ދައްކަން ޖެހޭނެއެވެ.

އިނގިރޭސި ވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސްވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސްއަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީއެވެ.

މޮރިޝަސް އިން ރާއްޖެއާއި ޗާގޯސް ކަނޑުގެ ފުށޫ އަރާ ސަރަހައްދާ މެދު ގޮތެއް ނިންމައިދޭން ނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ އިގުތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ.