ޒަކާތުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލުގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކަމަށެވެ.

"ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭނެ ފަދަ، ދެފުށް ފެންނަ، އަދި ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލުގެ މެންބަރުން މަޝްވަރާކުރެއްވި" ޒަކާތު ހައުސްއިން ބުންޏެވެ.

ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.

އޭގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަންދޫބެެކެވެ.

ޒަކާތު ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި، އިރުޝާދު ދިނުމެވެ. އެގޮތުން އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ގައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމަކީ ޒަކާތު ކައުންސިލްގެ މައިގަނޑު ސިޔާސާތުކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.