ދިރާސީ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރު ފެށުމުގެ ކުރިން، ސްކޫލު ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލެއްގެ ފޮތްތައް ރަށްތަކަށާއި އަދި މާލެ ސަރަހައްދުގެ ސްކޫލުތަކަށް ފޯރުކޮށްދީ ނިމޭނެ ކަމަށެވެ.

"މި އހަރުގައި އެބަހުރި އެހެންއަހަރުތަކާ ހިލާފަށް ތަންކޮޅެއްް އުނދަގޫ ހާލަތްތަކެއްވެސް އެއީ ކުރީގައި އަރަބިއްޔާގައި ވަަރަށް ބޮޑު ގުދަނެއްް އޮތް. އެހެންނަމަވެސް ގުދަންނަގާފައި އަމީނިއްޔާތެރެއަށް ރިޕޭލްސްކޮށްގެން މަސައްކަތް މިކުރަނީ. އަދި އަތޮޅުތެރޭގައި ބޯޓުތަކަށްވެސް މާލެއާ ކައިރިކުރުމުގައި އުނގަދޫތަކެއް އެބަހުރި. މިހާރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާއެކުގައި." ޝަފީއު ވިދާޅުވި އެވެ.

މި ހުރިހާ ގޮންޖެހުންތަކެއް ހުރި ނަމަވެސް 100 ޕަސެންޓު ޔަގީންކަން ބެލެނިވެރިންނަށް ދޭން ބޭނުންވާ ކަމަށާއި ދަރިވަރުންގެ ކިޔެވުންފަށަންވާއިރު ބޭނުންވާ ހުރިހާ ފޮތެއް ސްކޫލުތަކަށް ހަވާލުކޮށް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2025ގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށީ މިދިޔަ މަހުގެ 25 ގައެވެ.

މއެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން އަންނަ ދިރާސީ އަހަރު ފެށޭނީ، މިމަހުގެ 27 ވަނަ ދުވަހުއެވެ.

ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ، ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާއި ހަމައަށެވެ.