ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މ. ސިސްކަން، އަހްމަދު ޝަމާހް ރަޝީދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން މިއަދުން ފެށިގެން ޝަމާހު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ބުނެފައެއްނުވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް އަހުމަދު ޝަމާހު ރަޝީދު އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޝަމާހު ފުރަތަމަ ހުންނެވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަމާހު، އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.

ސްޓެލްކޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ފަހުމީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. ދޮޅު އަހަރު ދުވަހަށްފަހު އެ މަގާމުން ފަހުމީ ވަކިކުރި ސަބަބެއް ކަށަވަރުވެފައެއް ނުވެއެވެ.