އަށާރަ އަހަރުން ދަށުގެ ދެ ޖިންސުން ކުދިން ތިބޭ ނަމަ، ތިން ކޮޓަރީގެ ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ 10، 12 އަހަރު ކުރިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އާއިލާތައް ބޮޑުވެ މިހާރު އެ ފުލެޓުގައި ދިރިނޫޅެވޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"ހިޔާ ފުލެޓުތަކުގެ ދެ ޖިންސުގެ ކުދިން ގޮވައިގެން 18 އަހަރުން ދަށުގެ ދެ ޖިންސުގެ ކުދިން ގޮވައިން އުޅޭ މީހުން އުޅެން ބަލާއިރުގަ ވަރަށް ކުޑަ ތަންތަން މީ، ދެ ކޮޓަރީގެ ފުލެޓުތައް ވީމަ. އެހެންވީމާ އަޅުގަނޑުމެން މިވަނީ ރައްޔިތުންގެ ތެރެއިން އައި ކަންބޮނޑުވުމަށް ރިއާޔަތްކޮށް މި ތިން ކޮޓަރީގެ ފުލެޓުތަކަށް ހުޅުވާލާއިރުގަ، ދެ ކޮޓަރި ލިބިފައިވާ ފަރާތްތަކަށްވެސް ދެ ޖިންސުން ކުދިން ލިބިފައިވާ ނަމަ، އަންހެން ކުދިންނާއި، ފިރިހެން ކުދިން، މަދުވެގެން ކޮންމެ ޖިންސަކުން އެއް ކުއްޖަކު 18 އަހަރުން ދަށުގަ ހުރިއްޔާ ކުރިމަތިލެވޭ ގޮތަށް ބަދަލުކޮށްފަ" ރައީސް ވިދާޅުވިއެވެ.
މާލޭގެ ރަށްވެހިކަމުގައި ޖެހިފައިވާ އެއް އަހަރު ވެފައިވާ މީހުންނަށްވެސް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެފަދަ ލުއި ގޮތްގޮތަށް ޝަރުތުތައް ހިމަނައިގެން ސަރުކާރުން ދަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ކުރަމުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެކަށީގެންވާ ވަރަށް ގާތަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގޯތި ލިސްޓު ގެޒެޓު ކުރިނަމަވެސް ރައްޔިތުންނަށް ގޯތި ދީފައިނުވާ ކަމަށެވެ. އަދި ގޯތިތައް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައްވެސް ހިއްކިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު ދަނީ އެތަންތަން ހިއްކަމުންކަމަށް ރައީސް ވިދާޅުވިއެވެ.
"މިސާލަކަށް ހުޅުމާލެ ފޭސް ތިނެއް ހިއްކައި، ދާދި ކުޑަ ތަންކޮޅެއް މިހާރު ނުނިމި އެއޮތީ. އެދަނީ ހަމަ އެއްވެސް މަޑުޖެހުމެއް ނެތި ދެ ޑްރެޖަރަކުން އެއް ފަހަރާ ހިއްކަމުން. ހަމަ ނިމޭތަނުން އިރާދަކުރެއްވިއްޔާ ދެން އެ މީހުން ހަމަ، އަޅުގަނޑު ކުރިން އިއުލާނުކުރި ގޮތަށް ގިރާވަރުފަޅު ހިއްކަން ފަށާނެ" ރައީސް ވިދާޅުވިއެވެ.
އެހެންވީމާ، މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ބާރަށް ކުރިއަށްދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތް ކުރިން ލަސްކަމެއް އައިސްފައިވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ބިން ހިއްކުމަށް ކޮންޓްރެކްޓަރުންނާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކުރުމަށް ނެގި ވަގުތުކޮޅެއްގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.
"ފުލެޓްތައްވެސް މިހާރު އެވަނީ ހަވާލުކުރެވިފަ، 4،000 ފުލެޓު. އެ ތަންތަނަށްވެސް މީހުން ވަންނަން ފަށައި އެކަން ދަނީ ކުރިއަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިތުރަށް ގޯތި ދިނުމަށާއި، އިތުރަށް ފުލެޓު ހެދުމަށްވެސް މަސައްކަތް ފަށައިފައިވާ ކަމަށެވެ.
އެގޮތުން މާލެ ކައިރި، ބުރިޖުން ގުޅާލެވެން ހުރި ހުރިހާ ތަނެއް މިހާރު ހިއްކުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ކުރިން ވިދާޅުވެފައިވާ ގޮތަށް އުތުރުތިލަފަޅުވެސް ހިއްކުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އުތުރުތިލަފަޅުންވެސް ގޯއްޗާއި، ފުލެޓު ދިނުން ކުރިއަށްދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މާލެ ކައިރީގައި ބުރިޖަކުން ގުޅާލެވޭނެ އިތުރު ފަޅެއް ނެތުމުން ރަސްމާލެ ހިއްކަން ފަށައިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަސްމާލެއަކީ އެންމެ ގިނައިން ރައްޔިތުންނަށް ގޯއްޗާއި، ފުލެޓް ދެވޭނެ ތަންކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ މާޗު ނުވަތަ އެޕްރީލް މަހުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ނިމެންވާއިރަށް މިހާރު އަޅުގަނޑުމެން މި ހުޅުވާލަނީ ގޯއްޗާއި، ފުލެޓަށް އެޕްލައި ކުރަން. ރަސްމާލެއިން ވިއްޔާ ގޯތި، ދެން އަދި ހުޅުމާލޭގެ ފޭސް ތިނެއްގައާ، ވިލިމާލޭގެއާ، ހުޅުމާލެ ފޭސް ދޭއްގައާ، ހުޅުމާލެއިން ޖުމްލަކޮށް އަޅާ ގާތްގަޑަކަށް 2،700 ފުލެޓާ، މިވަގުތަށް ސޮއިކުރެވުނީ ބީއެމްއެލްއާއެކީގަ. އަދި ވިލިމާލޭގެ 300 ފުލެޓް އަދި އިތުރު 4،500 އެއްހާ ފުލެޓު އެކި ތަންތަނުގަ އެޅުމުގެ މަސައްކަތް އެކި މަރުހަލާގަ އެ ދަނީ. ގާތްގަޑަކަށް 7،900 އެއްހާ ފުލެޓް" ރައީސް ވިދާޅުވިއެވެ.
"15،000 ގޯއްޗާއި 8،000 އެެއްހާ ފުލެޓު. އެހެންމާ މި ހުޅުވާލަނީ 15 ޖެނުއަރީގަ. މިހާރު ހައުސިން މިނިސްޓްރީން ތައްޔާރުވަމުން ދަނީ. މީ މި މާލޭގެ އޮތް އެންމެ ބޮޑު މައްސަލައަށް ހައްލު ގެނައުމަށް ފެށޭ މައްސަކަތް"
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ދައުރުގެ ހަތަރުވަނަ އަހަރަށް މަޑު ނުކުރާާނެ ކަމަށެވެ. ރައީސް ވިދާޅުވީ 15،000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން، ގާތްގަޑަކަށް މާލެއަށް ދިމާވެފައިވާ ގޯތީގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އެ 15،000 ގޯތީގެ ތެރެއިން މާލެ އުފަން ރައްޔިތުންނަށް 7،000 ގޯތި ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ދަފުތަރުގައި ޖެހިފައިވާ މީހުންނަށް 1،000 ގޯތި، ފަހުން މާލޭގެ ރަށްވެހިކަމުގައި ޖެހިފައިވާ މީހުންނަށް 2،000 ގޯތި ދޫކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ދިނުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެެހެން ރަށްރަށުގެ މީހުންނަށް 3،000 ގޯތި ދޫކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަނި ގޯޅިތަކުގައި ހުންނަ އިމާރަތް ކުރަން ދަތި ގޯތިތައް ދޫކޮށްލާ މީހުންނަށް 1،500 ގޯތި ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު