ފުރާނައަށް ނުރައްކާވާފަަދަ ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް ޕެންޝަން ފައިސާއިން ހަރަދުކުރެވޭ ގޮތް ހެދުމަށް، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީން ނިންމުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ދަންމާލައިފިއެވެ.

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.

މި ބިލު މަޖިލީހަށް އިއްޔެ ބަލައިގަތީ ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

އެކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުން ނިންމީ، ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރު 2:00 ގެ ނިޔަލަށް ހުޅުވައއިލުމަށްފަހު، ބިލުގެ މަސައްކަތް މިއަދު ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވުމަށެވެ.

ނަމަވެސް މިއަދު ކޮމިޓީގެ ޖަލްސާއެއް ބާއްވައި، އެ ބިލަށް އާއްމުކޮށް ހިޔާލު ހުށަހެޅުމުގެ މުއްދަތު، މި މަހުގެ 31 ގެ ނަޔަލަށް ދަންމާލައި، ކޮމިޓީން މުޅި ބިލުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމަން ވެސް ވަނީ ފާސްކޮށްފައެވެ.

ގާނޫނަށް މި އިސްލާހު ގެނައުމުގެ ބޭނުމެއްގެ ގޮތުގައި ބިލްގައި ބުނެފައިވަނީ، ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔެއް ނުވަތަ ޓާމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމަށް ކަނޑައެޅުމާއި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ހިމެނުމެވެ.

ބިލްގައިވާގޮތުން ފުރާނައަށް ނުރައްކާވާފަަދަ ބޮޑު ބައްޔަކީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ނަމަވެސް، 12 މަހަށް ވުރެ ދިގު މުއްދަތަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ބައްޔާ ބެހޭ ސްޕެޝަލިސްޓު ޑޮކްޓަރަކު ކަނޑައަޅާފައިވާ ބައްޔެވެ.

ގާނޫނަށް އިތުރުކުރަން ބިލްގައިވާ މާއްދާތަކުގެ ތެރޭގައި ޕެންޝަން ލިބޭ އުމުރު ހަމަ ނުވިނަަމަވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.

އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް، އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން، ހައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެ ކަމަށް ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ.

ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކައިފިނަމަ، ބާކީ 80 އިންސައްތަ ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތް ހެދުމަށްވެސް ވަނީ ހުށަހަޅައިފައެވެ.