ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ރައީސްކަމުގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރުހުން ދިނުމަށް ފާސް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާއަކީ މިވަގުތު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން، ދައުރުން ބޭރުން ބޭއްވި މިއަހަރުގެ ދެވަނަ ޖަލްސާއެވެ. ފުރަތަމަ ޖަލްސާ ބޭއްވީ އިއްޔެއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ރަމީލާ އަށް ރުހުން ދިނުމުގެ މައްސަލަ އެކަންޏެވެ.
ރަމީލާ އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އިއްޔެ މަޖިލިސް ތަޅުމުން ފޮނުވިއެވެ. އަދި ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ރަމީލާއަށް މަޖިލީހުން ރުހުންދޭން ފެނަން ކަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓް އިއްޔެ މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
މިއަދުގެ ޖަލްސާގައި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ.
އެ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވައިލި ފުރުސަތުގައި ވާހަކަ ދެއްކެވީ، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެކަންޏެވެ. އެއަށް ފަހު ރަމީލާއަށް ރުހުން ދިނުމަށް ނަގާ ވޯޓުގެ ރަނގަބީލު ޖެއްސެވުމަށްވަހު ރުހުން ދޭން ފާސްކުރިއެވެ.
އެއަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއީ ވަކި ހާއްސަ މަސައްކަތްތަކެއް ނިންމުމަށް މަޖިލީހުގެ 31 މެންބަރަކު ސޮއިކޮށް ހުށަހެޅުއްވުމުން މަޖިލިސް ގަވާއިދުގައިވާ ގޮތުގެމަތިން ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާތަކެއްް ކަމަށެވެ. އަދި މިއަދު އިތުރު މަސައްކަތެއް ނެތުމުން ޖަލްސާ ނިންމަވާލެއްވީ ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މަޖިލިސް ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް މިއަދު ނެތް ނަމަވެސް މަޖިލިސް ކޮމިޓީތަކުގައި މަސައްކަތްތައް އެބަހުރި ކަމަށެވެ.
"އޭގެ މާނައަކީ މަޖިލިސް ޖަލްސާތަކުގައި ކުރާނެ މަސައްކަތް ނެތް ވާހަކައެއް ނޫން، މީޑިއާ ވަރަށް ބޮޑަށް ބައްލަވާނެ އަދި މިއަދު 15 މިނިޓް ތެރޭގައި ޖަލްސާ މެދުކަނޑާލި ވާހަކަވެސް ލިއުއްވާނެ، އެހެންވީމަ މި ދަންނަވަނީ މިއީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ޖަލްސާއެއް ނޫނޭ، ވަކި ކަންކަމަކަށް ހާއްސަ ކުރެވިގެން މެންބަރުންތަކެއް ސޮއިކުރައްވާ ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން ބާއްވާ ޖަލްސާތަކެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް