މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން، ތިލަފުށީގައި ހަދަމުންދާ ބަނދަރު، ބޭރުގެ ފަރާތަކަށް ވިއްކަނީކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ހަދާ ބަނދަރު ވިއްކާލުމަށް ނިންމާފައިވާ ކަމަށާއި، އެ ބަނދަރު ވިއްކާލުމަށް ނިންމާފައިވަނީ ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

ހއ. ދިއްދޫގައި މިއަދު ހަވީރު ބޭއްވި އެރަށު އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ވިއްކާލާ ވާހަކަތަކެއް ފެތުރޭތާ ދެތިން ދުވަހެއްވެފައިވާ ކަމަށެވެ. ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެ، ރާއްޖެއަށް ގެންނަމުންދާ އިގްތިސޯދީ ކުރިއެރުންތަކުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބޭރުގެ އިންވެސްޓަރަކު ޕްރޮޕޯސަލެއް ހުށަހެޅިޔަސް ސަރުކާރުން ހަމަ ހުރެފައި އެއާ އެއްގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ.

"ޕޯޓަށް ވެސް، އެއާޕޯޓުގައި ހުރި ކަންކަމަށްވެސް އަދި ދެން ހުރި ކަންކަމަށް ވެސް އިންވެސްޓުކުރަން ބޭނުންވޭ. އެހެންވީމަ މި މީހުންގެ އިންވެސްޓުކުރަން ބޭނުންވީމަ، ކޮންމެ ޕްރޮޕޯސަލެއް ހުށަހެޅިޔަސް ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސް ކަމެއް ކުރެއްވީކީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށަހެޅުމަކީ އަދި ރައީސް އެ ގަބޫލުކުރައްވާ އެކަމެއް ކުރީކީއެއް ނޫން" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެފަދަ ޕްރޮޕޯސަލްތަކަށް ރައީސް ގޮތެއް ނިންމަވާނީ ކެބިނެޓާއި އެހެނިހެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު، ރައްޔިތުންނަށް ފައިދާވަނަމަ ކަމަށެވެ.

އެހެންކަމުން ވިޔަފާރި ބަނދަރު، ބޭރުގެ ފަރާތަކާ ވިއްކާލާ ވާހަކައަކީ ދޮގެއްކަމަށް ޒަމީރު ވިދާޅުވިއެވެ.