ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު، ދެ އިންތިހާބު އެއްކޮށްލަން އިދިކޮޅު އެމްޑީޕީ ދެކޮޅު ކަމަށް ބުނެފިއެވެ.
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް ލުމަށާއި އެ އިންތިހާބު އެކޮށްލުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމު ބިލެއް މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ފަލާހުއެވެ.
އެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލަން ތާއީދު ނުކުރާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އެމްއެންޔޫ މެދުވެރިކޮށް އެކަމުގެ ދިރާސާއެއްކޮށް އޭގެ ނަތީޖާއަށް ބަލަންޖެހޭ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. އޭގެ އިތުރުން މިހާރު އޮތް ވެރިކަން 10 އަހަރު ދުވަހަށް ދައްމާލުމުގެ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ގަފޫރު ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ހަރަދު ކުޑަވާނެ ވާހަކަ ވެރިކަންކުރާ ފަރާތުން ދައްކާއިރު އެއީ ދޮގެއް ކަމަށެވެ.
އެކަމުން ހަރަދު ކުޑަވާނެ ވާހަކަ ދައްކާއިރު، މިއަދުވެސް ޕަބްލިކް ވޯކްސްއަށް 500 މީހުން ވައްދަން އިއުލާން ކޮށްފައިވާ ކަމަށާއި އެއީ އަހަރަކު 72 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ ކަމެއްކަންވެސް ގަފޫރު ވިދާޅުވިއެވެ. އަދި ހަރަދު ކުޑަކުރަން ކަމަށް ބުނެ އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް ބަދަލުގެނައި އިރު، ސިޓީތަކާބެހޭ މިނިސްޓްރީގެ ގޮފިތައް އަތޮޅުތަކުގައި ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅުމަކީ، މިހާރު އޮތް ވެރިކަން ދަންމާލައި، ހުދު މުހުތާރުކަން އިސްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، އާ ގާނޫނުއަސާސީ އުފަންކުރީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި އަލުން އަށަގަތުނަ ނުދިނުމަށް ކަމަށެވެ. އެކަމުގެ އެއްސިފައަކީ ދައުރު ކަނޑައެޅިފައިވާ އިންތިހާބީ މަގާމުތަކެއް ކަނޑައަޅާފައި އޮތުން ކަމަށާއި ފަސް އަހަރުގެ ދައުރަކީ ގާނޫނުއަސާސީގެ އެއްސިފަ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުން މެންޑޭޓް ދެނީ ފަސް އަހަރު ދުވަހަށް ކަމަށްވާ އިރު، ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ މުއްދަތަށް އިންތިހާބު ކޮށްފައިވާ މަޖިލީހެއްގެ ދައުރު ކުރުމުގެ ބަދަލުގައި ދެން އިންތިހާބުކުރާ މަޖިލީހުގެ ދައުރު ކުރުކޮށް ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބޮލީވުޑް
ހޮރްމުޒް ކަނޑުއޮޅި
އޭއައި
ބޯހިޔާވަހިކަން