ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިބާ ދެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، އެ ތަސްދީގު ކުރައްވާނީ އެކަމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުގައި ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ، މި އިސްލާހު ތަސްދީގު ކުރައްވުމުގެ ކުރިން ގާނޫނުއަސާސީގައިވާ ގޮތަށް ފެންނަން ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އެގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތެރޭގައި އެ ފެންނަ ނުފެންނަ ވޯޓު ނެގިގެންދާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފަލާހު ހުށަހެޅުއްވި ބިލްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.
މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.
މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.
އިބްރާހިމް ޒަކީ
ބޮލީވުޑް
ހޮރްމުޒް ކަނޑުއޮޅި
އޭއައި
ބޯހިޔާވަހިކަން