ހިޔާނާތާއި މަނީލޯންޑަރިންގެ އިތުރު ދައުވާތަކެެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ބައްސާމް ގެންދަނީ ތަންފީޒު ކުރަމުންނެވެ. އޭގެ ތެރެއިން ހިޔާނާތުގެ ދައުވާއެއްގައި މިދިޔަ އޮކްޓޫބަރު މަހު ހުކުމްކުރީ ހަތަރު އަހަރުގެ މުއްދަތަށް ޖަލަށް ލުމަށެވެ. އަދި މަނީ ލޯންޑައިންގެ ދައުވާއެއްގައި ފަސް އަހުގެ މުއްދަތަށް ޖަަލަށްލާން ހުކުމްކުރީ އޮކްޓޫބަރު މަހުގެ 30 ގައެވެ.
މިއަދު ބައްސާމުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވާކަމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފަންޑުގެ، 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ ބައްސާމްއެ ފައިސާ ބޭނުން ކޮށްފައިވަނީ އަމީން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށް ކަމަށެވެ. ދައުވާގައިވާ ގޮތުން އެކަން ކޮށްފައި ވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމީންއަށް ޖަމާކޮށްގެންނެވެ.
މި މައްސަލައިގެ ނިޔާ ކަނޑައަޅުއްވަމުން ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމްއަށް ދައްކާފައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެންކަމުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައެޅުއްވިއެވެ. އަދި އެކަން ހިނގާފައިވަނީ ބައްސާމަށް ވެސް އެނގިގެން ކަމަށްވާތީ، ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ނިންމެވިއެވެ.
މީގެ އިތުރުން އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާގެ އަސްލު އޮޅުވާލައި، ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާ ކަން ވެސް ސާބިތުވާ ނިންމުމާ ގުޅިގެން ބައްސާމުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ.
ބައްސާމްގެ މައްޗަށް ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅި ނަމަބެސް އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް އެހެން ދުވަހަކަށް ވަނީ ތާވަލުކޮށްފައެވެ.
އިބްރާހިމް ޒަކީ
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް