ޖެނުއަރީ ތިނެއްވީ ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މުހިންމު ތިންކަމެއް އިއުލާނު ކުރައްވައިފައެވެ. ފުރަތަމަ ކަމަކީ އެމެރިކާ ސިފައިން ވެނެޒުއެލާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމެވެ. ދެވަނަ ކަމަކީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ވަގަށް ނަގައިގެން ގައުމުން ބޭރަށް ގެންދިއުމެވެ. ތިންވަނަ ކަމަކީ ވެނެޒުއެލާގެ ރައްޔިތުންނާ ވެރިކަން ހަވާލު ކުރެވެންދެން ވެނެޒުއެލާގެ ކަންކަން ދެން ބަލަހައްޓާނީ އެމެރިކާއިން ކަމަށް އިއުލާނު ކުރުމެވެ. ކޮންމެއަކަސް މަދޫރޯ ވަގަށް ނަގައިފިއެވެ. މިކަންކުރީ އެމެރިކާގެ ޑެލްޓާ ފޯހުންނެވެ. ފެންނަ ފެނުމުގައި މިއީ ވެނެޒުއެލާގެ ރިޔާސީ ގާޑުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ވެނެޒުއެލާގެ އެތެރޭގައި ޚާއްސަކޮށް ސިފައިންގެ ތެރޭގައި މިކަމަށް އެއްބާރުލުންދިން މީހުން ގިނަކަމަށް ފެނެއެވެ. އެފަދަ ބައިވެރިވުމަކާއި އެއްބާރުލުމެއް ނެތި މިޒާތަށް މިކަން ކުރެވުމަކީ މުސްތަހީލު ކަމެކެވެ.
ވެނެޒުއެލާގެ އެކިތަންތަނަށް ހަމަލާތަކެއްދީ އެ ތަންތަނަށް މީހުންގެ ސަމާލުކަން އަމާޒުވެފައި ވަނިކޮށް ޑެލްޓާ ފޯހުގެ ޚާއްސަ ޓީމެއް ހެލިކޮޕްޓަރުގައި ގޮސް ރިޔާސީ ގަނޑުވަރަށް ވަދެ މަދޫރޯއާއި އަނބިކަނބަލުން ސިސީލިއާ ފްލޯރެސް އަވަހާރަފުޅަށް ތިއްބަވަނިކޮށް ވަގަށް ނަގައިގެން ހެލިކޮޕްޓަރުގައި ގެންދިޔައީ ވެނެޒުއެލާގެ އައްސޭރީގައި އޮތް އެމެރިކާގެ މަނަވަރަކަށެވެ. އެތަނުން ދެން އަނެއްކާވެސް ހެލިކޮޕްޓަރުގައި ގެންދިޔައީ ކިއުބާގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު ގުއަންޓަނަމޯއަށެވެ. އެއަށްފަހު ހެލިކޮޕްޓަރުގައި ދެން ގެންދިޔައީ އެމެރިކާގެ ނިއުޔޯކް ސްޓޭޓަށެވެ. މަދޫރޯ މިހާރު ހުންނެވީ ނިއުޔޯކުގެ ޖަލެއްގައެވެ. މިހުރިހާ ދަތުރުތަކެއްގައި މަދޫރޯ ހުންނެވީ ކަނުބަނދެފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ މަދޫރޯއާމެދު އެމެރިކާއިން ދެން އަމަލުކުރާނެ ގޮތެކެވެ. އެމެރިކާގެ އެޓާރނީ ޖެނެރަލް ޕޭމް ބޮންޑީ ވަނީ އެ ސުވާލުގެ ޖަވާބު ވަރަށް ފުރިހަމަޔަށް ދެއްވައިފައެވެ. މަދޫރޯއާމެދު ކަންކަން ކުރަން ރޭވިފައިވާގޮތް ވަނީ ހާމަކުރައްވަައިފައެވެ.
ޕޭމް ބޮންޑީ ވިދާޅުވީ ކީކޭބާވަައެވެ. ވިދާޅުވިއެވެ. ޑްރަގާ ގުޅުންހުރި ކަންކަމުގައި މަދޫރޯގެ ދެމަފިރިންގެ މައްޗަށް ދައުވާ އުފުލައިފީމެވެ. އެމެރިކާގެ އިންސާފުގެ ބާރު އެންމެ ފުރިހަމަޔަށް މި ދެމަފިރިންގެ މައްޗަށް ހިންގޭނެއެވެ. އެމެރިކާގައެވެ. އެމެރިކާގެ ކޯޓުގައެވެ. ސަރިޔަތް ހިންގާނީ އެމެރިކާގެ ގާނޫނުގެ ދަށުން އެމެރިކާގެ ފަނޑިޔާރުންނެވެ. ކޮންމެއަކަސް މަދޫރޯ ވަގަށް ނަގައިފީމޭ، ވެނެޒުއެލާގެ ވެރިކަން ވަކި މުއްދަތެއްނެތް ގޮތެއްގައި ދެން ހިންގާނީ އެމެރިކާއިންނޭ ވިދާޅުވެ ރައީސް ޓްރަމްޕު ވާހަކަފުޅު ދެއްކެވީ ޚާއްސަގޮތަކުން އިންތިޒާމް ކުރެވުނު ޕްރެސް ކޮންފަރެންސެއްގައެވެ. ޓްރަމްޕު ވާހަކަފުޅު ދެއްކެވިއިރު އޭނާގެ ފަހަތުގައި ތިއްބެވީ ޚާރިޖީވަޒީރު މާކޯ ރޫބިއޯ އާއި ދިފާއީވަޒީރު ޕީޓް ހެގްސެތެވެ. ދެން އެމެރިކާ ސިފައިންގެ ގުޅިފައިވާ ލަޝްކަރުތަކުގެ ކޮމާންޑަރު ޖެނެރަލް ކޭނާއި ޖާސޫސީ އިދާރާ ސީއައިއޭގެ ވެރިޔާ ރެޓްކްލިފެވެ. ދެން ހުންނެވީ ވައިޓްހައުސްގެ ޑިޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީވެން މިލަރއެވެ.
މިބޭފުޅުން ސަފަކަށް ބައިތިއްބަވައިގެން މިވާހަކަ ރައީސް ޓްރަމްޕު ވިދާޅުވުމުގެ މާނަ ވަރަށް ސާފެވެ. ކުރިއަށްއޮތް ތަނުގައި ވެނެޒުއެލާގެ ވެރިކަން ހިންގަވާނެ ބޭފުޅުން މިތިއްބެވީއެވެ. ވެނެޒުއެލާގެ ކަންކަމުގައި ދެން ޒިންމާވާނީ ޓްރަމްޕާއި އޭނާގެ ކެބިނެޓުކަން މުޅި ދުނިޔެއަށް އެއޮތީ އިއުލާނު ކުރެވިފައެވެ. ވެނެޒުއެލާގެ ކޮންޓްރޯލް އެމެރިކާއިން ނެގީ ނުވަތަ ނަގަން އުޅެނީ ކީއްވެގެންކަން އެންމެ ބޮޑަށް ހާމަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވަނީ ދިފާއީވަޒީރު ޕީޓް ހެގްސެތެވެ. ވިދާޅުވިއެވެ. މިއީ "އެމެރިކާ ފަސްޓް" ޕޮލިސީގެ ދަށުން ކުރެވޭ ކަމެކެވެ. މިއީ ގަދަފަދަ ބާރު ބޭނުންކޮށްގެން އެމެރިކާގެ މަސްލަހަތު ލިބިގަތުމުގެ އޮޕަރޭޝަނެކެވެ. ޕީޓް ހެގްސެތު އެ އިޝާރާތް ކުރައްވަނީ ވެނެޒުއެލާގެ ތެލަށެވެ. ވެނެޒުއެލާއަކީ ދުނިޔޭގައިވާ ތެލުގެ އެންމެބޮޑު ރިޒާވްއެވެ. ވެނެޒުއެލާގެ ތެލުގެ ރިޒާވްގެ ކޮންޓްރޯލް ނަގައިގެން އެމެރިކާގެ ވިޔަފާރިތަކަށް ނަފާވާނޭ މަގުން ކަންކަން ކުރުމަކީ ރައީސް ޓްރަމްޕުގެ ސިޔާސަތެކެވެ. ސިއްރުކޮށްފައިއޮތް ކަމެއްވެސް ނޫނެވެ.
ވެނެޒުއެލާއާ ދިމާކޮށްލައިގެން އުޅުނީ ވެނެޒުއެލާގެ ރައްޔިތުންނަށް ހެޔޮއެދިގެން ޑިމޮކްރަސީ ގެންނާކަށެއް ނޫނެވެ. އެމެރިކާގެ ތެޔޮ ކުންފުނިތައް އިނދަޖެހިފައިވާތީ އެ ކުންފުނިތައް ނަގައި ކޮޅަށް ޖެހުމަށްޓަކައެވެ. އެމެރިކާގެ އަމާޒަކީ ތެލެވެ. ވެނެޒުއެލާގެ ގުދުރަތީ މުއްސަނދިކަމެވެ. ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައި ކަނުބަނދެގެން އެމެރިކާއަށް ގެންގޮސް ޖަލަށް ލިޔަސް ރައީސް ޓްރަމްޕު އެވިދާޅުވާ ބީދަޔަކުން ވެނެޒުއެލާގެ ކޮންޓްރޯލް އެމެރިކާއަކަށް އަދި ނުނެގެއެވެ. ނެގެން ކައިރިއެއްވެސް ނުވެއެވެ. ވެނެޒުއެލާގައި ސަރުކާރެއް އެބައޮތެވެ. ރައީސަކު ނެތިއްޔާ ގައުމުގެ ވެރިޔަކީ ނާއިބުރައީސެވެ. އޭނާ އެބަހުންނެވިއެވެ. މިވަގުތު ޖަވާބުދޭން ދަތި ސުވާލަކީ މަދޫރޯ ވަގަށް ނެގުމުގައި ނާއިބުރައީސާއި ސިފައިންގެ ވެރިންގެ ބައިވެރިވުން އޮތް މިންވަރެކެވެ. އެމެރިކާގެ މި އޮޕަރޭޝަނުގައި އެމީހުންގެ ބައިވެރިވުން އޮތިއްޔާ ޓްރަމްޕު އެވިދާޅުވާ ކޮންޓްރޯލަކީ ދަތިކަމެއް ނޫނެވެ. އިތުރު ހަމަލާތަކެއްނުދީވެސް އެކަން ކުރެވިދާނެއެވެ.
ކޮންމެއަކަސް އެމެރިކާއިން މިކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތައް ތަންދޭ ކަމެއް ނޫނެވެ. އެމެރިކާއިން ވީދައިލީ ބައިނަލްއަގުވާމީ ގާނޫނުތަކެވެ. ފައިންއެރީ ޚުދު އެމެރިކާގެވެސް ގާނޫނުއަސާސީއަށެވެ. މިކަމަކީ އެމެރިކާގެ ގާނޫނުވެސް ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންވީމާ ކުރިއަށްއޮތް ދުވަސްތަކުގައި އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ވަރަށް ހޫނުވާނެ ކަމަށް ބެލެވެއެވެ. މަދޫރޯގެ ދެމަފިރިން ވަގަށް ނެގުމުގެ މި އަމަލަކީ އެމެރިކާއިން އަލަށްކުރި ކަމެއްވެސް ނޫނެވެ. މީގެކުރިން 1983 ވަނަ އަހަރު ގްރެނޭޑާއަށް އަރައި އެގައުމުގެ ވެރިޔާ ހައްޔަރު ކުރިއެވެ. އަދި 1989 ވަނަ އަހަރު ޕެނަމާއަށް އަރައި އެގައުމުގެ ވެރިޔާ އެންޓޯނިއޯ ނޮރިއޭގާ ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސް ސަރިޔަތް ހިންގައި ސާޅީސް އަހަރަށް ޖަލަށްލާފައިވެއެވެ. ވެނެޒުއެލާގައި އެމެރިކާއިން ހިންގީ ޣައިރުގާނޫނީ އަމަލެއް ކަމަށްވިޔަސް އެކަމަށް މަރުހަބާކިޔައި ސާބަސްދޭ ގައުމުތައް މަދެއް ނޫނެވެ.
އިނގިރޭސިވިލާތުގެ އިދިކޮޅު ލީޑަރު ނައިޖެލް ފެރާޖް ވިދާޅުވިއެވެ. ފެންނަ ފެނުމުގައި ހުއްދަ ކަމެއް ނޫނެވެ. އެކަމަކު ރަޝިޔާއާއި ޗައިނާގެ ވެރިންގެ ހިތްތަކަށް ބިރުވެރިކަން ވަނުމަކީ ވަރަށްވެސް ބޮޑު އުފަލެކެވެ. ފެރާޖް އެވިދާޅުވަނީ އޭނާއަށް ހީފުޅުވާ އެއްޗެކެވެ. ޗައިނާއާއި ރަޝިޔާ ބިރުގަންނާކަށް ނުޖެހެއެވެ. އެގައުމުތަކުގެ ވެރިން ވަގަކަށް ނުނެގޭނެއެވެ. އަދިކިޔެއްތަ އީރާނު ކަހަލަ ގައުމެއްގެ ވެރިންވެސް ވަގަކަށް ނުނެގޭނެއެވެ. ނުނެގޭނެކަން ކަށަވަރުވަނީ އެޒާތުގެ ކަމެއް ކުރަން 1979 ވަނަ އަހަރު ހަމަ އެމެރިކާގެ ޑެލްޓާ ފޯހުން އުޅެގެން އީރާނުގެ ތެރޭގައި ކުރިމަތިލާންޖެހުނު ބޮޑު ނާކާމިޔާބީންނެވެ. އެއީ އީރާނުގެ އިސްލާމީ އިންގިލާބުގެ ޅަފަތުގެ ދުވަސްވަރެވެ. އެހެނެއް ނޫނެވެ. ގައުމުތަކުގެ ވެރިން އަވަހާރަކޮށްލެވިދާނެއެވެ. އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަކޮށްލި ބީދައިންނެވެ. ސައޫދީ އަރަބިޔާގެ ރަސްގެފާނު ފައިސަލް އަވަހާރަކޮށްލި ބީދައިންނެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ