މާދަމާއިން ފެށިގެން އެންސްޕާއިން މުހިންމު 5 ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
އެ ޕްރޮގްރާމްތަކަކީ:
- ތެލަސީމިއާ ކުދިންނަށް 2،000 ރުފިޔާގެ އެލަވަންސައް ދިނުން
- ޕްރައިވެޓް ކްލިނިކްތަކުންނާއި ހޮސްޕިޓަލްތަކުންދޭ ހުރިހާ ތެރަޕީ ހިދުމަތަކަށް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުން
- ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ހަރަދަކަށް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުން
- ފިލިޕީންސްގައި ދިރިއުޅޭ ފަރާތްތަކަށް "މެރަނާސްކީމް"ގެ ތެރެއިން ބޭސްފަރުވާ ކުރެވޭ އިންތިޒާމް ހަމަޖެއްސުން. އެ ސްކީމްގެ ދަށުން ހިނގާ ހަރަދުގެ %65 އާ ހަމައަށް ހަމަޖެއްސުން
- އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުުރުން. ކޮންމެ ކުއްޖަކަށް 3،000 ރުފިޔާ، 4 ކުދިންނާ ހަމައަށް، ޖުމްލަ 12،000 ރުފިޔާ އާ ހަމައަށް
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމްތައް އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އެ ޕްރޮގްރާމްތަކާ ބެހޭގޮތުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ބޮޑުކުރި އެލަވަންސް ލިބެން ފަށާނީ އަންނަ ޖެނުއަރީ މަހު ނިމޭއިރު ކަމަށެވެ. އެޕްރޮގްރާމް މެދުވެރިކޮށް ޖުމްލަ 2895 އެކަނިވެރި މައިން އަދި ބަފައިންނަށް އެލަވަންސް ދެމުންދާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 4940 ކުދިންނެވެ.
ހީނާ ވިދާޅުވީ މިއަަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 4 މިލިއަން ރުފިޔާ އެ ޕްރޮގްރާމަށް އެހީގެ ގޮތުގައި ހަރަދުކޮށްފައިވާނެ ކަމަށެވެ. އަދި މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު އެ ޕްރޮގްރާމް މެދުވެރިކޮށް އެހީގެ ގޮތުގައި 54 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
ތެރަޕީ ޕްރޮގްރާމްތަކަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން ހީނާ ވިދާޅުވީ މާދަމާއިން ފެށިގެން ތެރަޕީގެ ހުރިހާ ހިދުމަތަކަށް އާސަންދަ އެކަށް ލިބޭނެ ކަމަށެވެ. ތެރަޕީތަކަށް މިހާރުވެސް ބޮޑު ހަރަދެއް ކުރަމުންދާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ މިއަހަރުގެ ނިޔަލަށް އެންސްޕާއިން ތެރަޕީއަށް 14996 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
"އެވްރެޖްކޮށް އެހީގެ ގޮތުގައި 2025 ވަނަ އަހަރު މި އެޖެންސީން މަހަކު 9 މިލިއަން ރުފިޔާ ތެރަޕީއަށް ފޯރުކޮށްދީފައިވަނީ، އަދި އެހީގެ ގޮތުގައި އެ މުއްދަތުގައި 100 މިލިއަން ރުފިޔާ ހަމައެކަނި ތެރަޕީއަށް ދައުލަތުން މިވަނީ ހަރަދުކޮށްފަ،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ އެހީގެ ޕްރޮގްރާމްތަކަށް މިގެނައި ބަދަލާއެކު ރައްޔިތުންނަށް ލިބެމުންދާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން އެ ހުރިހާ ޕްރޮގްރާމެއް "މައިންޑް ކޯ"ގެ ސިސްޓަމްގެ ތެރެއިން ޑިޖިޓަލްކޮށް ހިދުމަތްދޭނެ ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު