މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގުތިސޯދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރާ ގޮތަށް، "ސަސްޓެއިނަބުލް ޓައުންޝިޕް" އެެއް ތަރައްގީ ކުރަން ފުރަތަމަ ހުއްދަ ދިން ކްރިސްޓަލް ހޯލްޑިންސްއާއެކު ސަރުކާރުން މިއަދު އިންވެސްޓްމެންޓް އެގްރިމެންޓުގައި ސޮއިކޮށްފިއެވެ.
ނ. އަތޮޅު ދިގުފަރާއު ދެކެންފަރާއި ކުރަމާދޫގައި "އައިލާ ޓައުންޝިޕް"ގެ ނަމުގައި ސަސްޓެއިނަބުލް ޓައުންޝިޕް މަޝްރޫއެއް ހިންގަން ހުއްދަދީ، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓުގެ އިންވެސްޓްމަންޓް އެގްރީމަންޓުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕީޓާރް ކާސްޓިޗް އެވެ.
އެ ރަސްމިއްޔާތުގައި ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕީޓާރް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ދިވެހި ސަރުކާރުން ދައްކަމުންދާ އިންވެސްޓްމެންޓަށް ފަހި އެޕްރޯޗާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ރަނގަޅު އިންވެސްޓެއް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް ރާއްޖެއަކީ ރަނގަޅު މަންޒިލަކަށް ވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބަ އޮތް،" އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ކްރިސްޓަލް ހޯލްޑިންގްސްއަކީ ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދަން ސަރުކާރުން ކުރާ މަސައްކަތަށް އިތުބާރުކުރި ފުރަތަމަ ކުންފުނި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ޓައުންޝިޕް މަޝްރޫއަކީ ރާއްޖޭގެ އިގުތިސޯދު އާ ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށާއި އެކަމުގެ ސަބަބުން މިފަދަ އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ސަރުކާރަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުުން އެފަަދަ ޓައުންޝިޕެއް ތަރައްގީކުރާ ކުންފުނިން ފެންވަރު ރަނގަޅު މެޑިކަލް ފެސިލިޓީއެއް ނުވަތަ ހޮސްޕިޓާލިޓީ ދާއިރާ އިން މީހުން ތަމްރީނުކުރާ މަރުކަޒެއް ގާއިމުކުރަން ޖެހެއެވެ.
އެ ޓައުންޝިޕް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވަނީ 2028 ވަނަ އަހަރެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް