ޖަޕާނުގެ ފުޓުބޯޅަ ކުޅުންތެރިޔާ ކަޒުޔޯޝީ މިއުރާ، އެގައުމުގެ ތިންވަނަ ޑިވިޝަނުގެ ފުކުޝީމާ ޔުނައިޓެޑަށް ކުޅެން ސޮއިކޮށްފިއެވެ.

އުމުރުން 58 އަހަރުގެ މިއުރާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ މިފަހަރު ކްލަބު ބަދަލުކުރީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މިއުރާ ތައްޔާރުވެފައި ވަނީ ކެރިއަރުގައި 41 ވަނަ ސީޒަނަށެވެ.

"ފުޓުބޯޅައަށް ހުރި ޕެޝަން އަދިވެސް ބަދަލެއް ނުވޭ. އަހަންނަށް ކިތަންމެ ދުވަހެއް ވިޔަސް އެކަން ބަދަލުވާނެ ކަމަކަށްވެސް ނުބެލެވޭ،" އަންނަ ފެބްރުއަރީ މަހު އުމުރުން 59 އަހަރުގެ ފުރޭ މިއުރާ ބުންޏެވެ.

މިއުރާ ބުނީ ފުޓުބޯޅައިގައި އަބަދުވެސް އޭނާ ބޭނުންވަނީ ތާރީހު ލިޔެލަން ކަމަށާއި، އަދިވެސް ބޭނުން ވަނީ ކުޅޭ ކޮންމެ މެޗެއްގައި 100 ޕަސެންޓް ދޭން ކަމަށެވެ.

މިއުރާ، 1986 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށީ ބްރެޒިލްގެ ސަންޓޯސްއިންނެވެ. އޭގެފަހުން ޔޫރަޕްގެ ކްލަބުތައް ކަމަށްވާ އިޓަލީގެ ޖެނޯއާ، ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބްގެ އިތުރުން ޕޯޗުގަލްގެ އޮލިވެއިރެންސަށްވެސް ކުޅެފައިވެއެވެ.

މިދިޔަ ސީޒަނުގައި މިއުރާ ކުޅެފައި ވަނީ ހަތަރު ވަނަ ޑިވިޝަނުގެ އެތުލެޓިކޯ ސުޒުކާއަށެވެ. އެޓީމު ރެލިގޭޓްވެފައިވާ އިރު، ހަތް މެޗެއްގައި މިއުރާ ފެނުނެވެ. އެ ހަތް މެޗުންވެސް ގޯލެއް ޖެހިފައެއް ނުވެއެވެ.

މިއުރާ ކުރިން ޖަޕާން ގައުމީ ޓީމަށް ކުޅުނު އިރު، އެގައުމަށް ކުޅުނު 89 މެޗުން 55 ގޯލް ޖަހައިދީފައިވެއެވެ. އޭނާ ވަނީ ޖަޕާނާއެކު 1998ގެ ވޯލްޑް ކަޕްގައި ކުޅެފައެވެ. މިއުރާ ގައުމީ ޓީމުން ރިޓަޔާކުރީ 2000 ވަނަ އަހަރުއެވެ.