ބަންގުލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ހާލިދާ ޒިޔާ އަވަހާރަވެފައިވަނީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އަވާހަރަވިއިރު ހާލިޔާ ޒިޔާގެ އުމުރުފުޅަކީ 80 އަހަރެވެ. އެކަމަނާ އުފަންވެވަޑައިގެންފައިވަނީ 1945 ވަނަ އަހަރުގައެވެ.
އެކަމަނާ ވަނީ މީގެކުރިން ހިތުގެ އާލާސްކަންފުޅަކަށްވެސް ފަރުވާ ހޯއްދަވައިފައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާލިދާ އަވަހަރާވުމާ ގުޅިގެން ބަންގުލަދޭޝްގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
"މި ހިތްދަތި ދަނޑިވަޅުގައި އެކަމަނާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން" ރައީސް ވިދާޅުވިއެވެ.
ހާލިދާ ޒިޔާއަކީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރެއްވި ކަނބަލެކެވެ. 1990 ވަނަ އަހަރު ބަންގުލަދޭޝްގައި އޮތް އަސްކަރީ ވެރިކަން ވައްޓާލުމުގައި ހާލިދާ ޒިޔާވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އެއަށްފަހު 1991 ވަނަ އަހަރު ބޭއްވި ޑިމޮކްރަޓިކް އިންތިހާބު ކާމިޔާބު ކުރައްވައި ހާލިދާ ޒިޔާ، ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވިއެވެ. ވެރިކަމަށް ވަޑައިގެން އެކަމަނާ ވަނީ ބަންގުލަދޭޝްގެ ވެރިކަމުގެ ނިޒާމު ބަރުމަލާނީ ނިޒާމަކަށް ބަދަލުކުރައްވައިފައެވެ.
ބަންގުލަދޭޝްގައި 1996 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ހާލިދާ ޒިޔާ ވާދަކުރެއްވި ނަމަވެސް އެ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާއެވެ. ނަމަވެސް އެ ފަހުން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި ހާލިދާ ޒިޔާ އަނެއްކާވެސް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވިއެވެ.
ނަމަވެސް ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ބަންގުލަދޭޝްގެ ހައްދުފަހަނައެޅި ގްރޫޕުތަކުންވަނީ އެކަމަނާގެ ވެރިކަން ވައްޓާލައިފައެވެ. އޭރު އެކަމަނާއަށް ވަނީ ހިޔާނާތުގެ ތުހުމަތުތައް ކުރެވެން ފަށައިފައެެވެ.
ބަންގުލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ޝެއިހު ހަސީނާއެވެ. ހަސީނާގެ ސަރުކާރުގައި ހާލިދާ ޒިޔާގެ މައްޗަށް ދައުވާކޮށް އެކަމަނާ ޖަލަށްލިއެވެ. އޭގެފަހުން ހާލިދާ ޒިޔާ ސިޔާސީ މަޝްރަހުގައި އެހާގިނައިން އުޅެފައެއް ނުވެއެވެ.
އޭގެކުރިން 2006 ވަނަ އަހަރު ހާލިޔާ ޒިޔާ އަދި ޝެއިހު ހަސީނާގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޖަލަށްލައިފައިވެއެވެ. އެ ދެ ކަނބަލުން ޖަލުން މިނިވަންވެފައިވަނީ 2008 ވަނަ އަހަރުގެ އިންތިހާބުގެ ކުރިންނެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު