ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފުލުހުން އަދި މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސަސް (އެމްނެޓްސް) އާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ހަފުލާއެއްގައި އެކަމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. އެމްނެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާއެވެ.

މި ދެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުއެވެ.

އެމްއޭސީއެލުން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގައި ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކުގައި ވީއައިއޭގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، ފުލުހުންނަށާއި އެމްނެޓްސްއަށް ކަނޑައަޅާފައިވާ ދައުރުތަކާއި ޒިންމާތައް އަދި އުސޫލުތައް ބަޔާންކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ފުލުހުން އަދި އެމްނެޓްސްގެ ތަޖުރިބާ އާއެކު ކާރިސާތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި މުއާސަލާތީ ގުޅުމާއި ކޯޑިނޭޝަން ހަރުދަނާކުރުމަށާއި މެދުނުކެނޑި ކަންކަން އިސްލާހުކޮށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު މުހައްމަދު ވިދާޅުވީ, ވީއައިއޭއަކީ ރާއްޖޭގެ އިގުތިސޯދު އޭގެ މައްޗަށް ބިނާވެގެންވާ އެއް ފެސިލިޓީއަށް ވާ އިރު, މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ވަރަށް މުހިންމު އެއްބަސްވުންތަކެއް ކަމަށެވެ. އަދި ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް އެކި މުއައްސަސާތަކާއެކު އެމްއޭސީއެލް އިން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް އެމްއޭސީއެލް އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ ވެސް ފުލުހުންނާއި އެމްނެޓްސްގެ އިތުރުން ސިއްހީ އިދާރާތަކާއި އެހެނިހެން އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރެވިގެން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ އެއާޕޯޓުގެ އިމަޖެންސީ ކަންކަމުގައި އެމްއޭސީއެލް އާއެކު ފުލުހުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްއޭސީއެލް ކޮންމެ ކަމަކަށްވެސް ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމާއެކު އެމްއޭސީއެލް އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ, އެއާޕޯޓް ބޭނުންކުރާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި އެމްނެޓްސްގެ އިސްވެރިން އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.