ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް މިމަހު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ:

  • އަހުމަދު އަލީ (47އ)، އާފިޔާ / ހއ. ހޯރަފުށި
  • މުހައްމަދު އާދިލް (57އ)، ގޯލްޑަންހައުސް/ ގދ. ތިނަދޫ

އެ ދެމީހުންގެ ތެރެއިން އަހުމަދު އަލީ ހައްޔަރުކޮށްފައިވަނީ މި މަހު 26 ވަނަ ދުވަހު ކަމަށާއި އަދި އާދިލް ހައްޔަރުކޮށްފައިވަނީ މި މަހު 27 ވަނަ ދުވަހު ކަމަށެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.