ރޭޕްގެ ތުހުމަތުވާ މީހަކު ހޯދާތާ އެއް އަހަރަށްވުރެ ގިނަ ދުވަހަށްފަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.
ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތްކުރާކަން ފުލުހުން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ގައެވެ.
އެ މައްސަލައިގައި ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ، ގދ. ވާދޫ، ސަބާހާމަންޒިލް، އިޒާމް ޒާހިރުއެވެ.
އެ މައްސަލައާ ގުޅިގެން ސުވާލުކުރުމުން މީޑިއާތަކަށް ފުލުހުން އިއްޔެ ބުނެފައިވަނީ، އޭނާ ހޯދުމަށް ނުވަ ފަހަރެއްގެ މަތިން އިއުލާންކޮށްފައިވާ ކަމަށާއި ނަމަވެސް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށެވެ.
އެ ހަބަރު މީޑިއާތަކުން ޝާއިއުކޮށްފައިވަނިކޮށް، މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ އިޒާމް، މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިޒާމް ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ކުރަނީ ރޭޕްކުރި ކަމުުގެ ތުހުމަތެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް