ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ދެންމެ ބުނީ މުހައްމަދު ޝަމްއާންގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް މިއަދު ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ކަމަށް ޕީޖީން ބުންޏެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަހަރުގެ މާޗު 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިއަހަރުގެ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
ޝަމްއާންގެ ފަރާތުން އެ ދެ އަމުރުވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހުކުމްކުރީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
އޭގެ ފަހުން މިމަހުގެ 18 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް ޝަމްއާންގެ ފަރާތުން ވަނީ ބަންދުން ދޫކޮށްލުމަށް އެދިފައެވެ. އެހެންވެ އެ ދުވަހުގެ އަޑުއެހުމުގައި ވަނީ އޭނާގެ ބަންދު މުރާޖާ ކުރުން ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ ޝަމްއާން، ބަންދުކުރަން ޖެހުނު ހާލަތު އަދިވެސް ފިލައިނުގޮސް، ވުޖޫދުގައި އެބައޮތް ކަމަށެވެ. ދެ ހެއްކެއްގެ ހެކިބަސް ނަގައި ނިމުމުން ދައުލަތުން އިސްވެ ޝަމްއާންގެ ބަންދު ދޫކޮށްލަށް ދިނުމަށް އެދޭނެކަން ފާހަގަކޮށްފައިވާތީ ގާޒީ ނިންމެވީ ޝަމްއާން ބަންދު ދޫނުކުރުމަށެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް