ސްރީ ލަންކާއަށް އެހީވުމަށް އިންޑިއާއިން 450 މިލިއަން ޑޮލަރުގެ ޕެކޭޖެއް ދިނުމަށް ނިންމައިފިއެވެ.

ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ޑިތްވާގެ ސަބަބުން އެގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން 450 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

ޖައިޝަންކަރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ލަންކާގެ ނޫސްތަކާ ވާހަކަދައްކަވަމުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ރަސްމީ ސިޓީއެއް ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނަޔަކައަށް އަރުވާފައިވާ ކަން ހާމަކުރައްވާފައެވެ.

އިންޑިއާއިން ދިނުމަށް ހަމަޖެހިފައިވާ 450 މިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖުގައި 350 މިލިއަން ޑޮލަރު ހަމަޖެހިފައިވަނީ ކޮންސެޝަނަލް ލައިންސް އޮފް ކްރެޑިޓެއްގެ ގޮތުގައި ކަމަށާއި ބާކީ 100 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ދިނުމަށެވެ.

ޖައިޝަންކަރު ވަނީ ލަންކާއަށް އެހީވުމަށް 1،100 ޓަނުގެ އެހީގެ ތަކެތި އެގައުމަށް ފޮނުވާފައިވާ ކަމަށާއި އޭގެތެރޭގައި ބޭހާއި ޒަރޫރީ ސާމާނު ހިމެނޭކަމަށް ވިދާޅުވެފައެވެ.

ލަންކާއަށް އެރި ތޫފާނުގެ ސަބަބުން އެގައުމުން 640 މީހުން މަރުވެފައިވާއިރު ތޫފާން އަރައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން 4 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.