އިންޑޮނޭޝިއާގައި ބަހެއް އެކްސިޑެންޓުވެ 16 މީހުން މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ޖާވާގައި ހިނގި އެހާދިސާގައި 16 މީހުން މަރުވެފައިވާއިރު 18 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑޮނޭޝިއާގެ ފުލުހުން ބުނީ 34 މީހުންނާއެކު ދަތުރުކުރި އެބަސް އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓި މަގުގެ އެއްފަރާތުގައި ހުރި ކޮންކްރީޓް ފާރަކަށް އެރުމުން ކަމަށެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަޕާޓާއިން އެގައުމުގެ ޔޮގްޔަކާޓާ އަށް ދަތުރުކުރި އެބަސް އެކްސިޑެންޓު ވެފައިވަނީ މަގު ހުރި ގޮތުން ބަސް އަނބުރާލަން އުނދަގޫވުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.

މީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމު އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު ބަސް އެކްސިޑެންޓުވުމުގެ ސަބަބުން ބަހުގެ ތެރޭގައި ތިބި މީހުން އެބަހުގެ އެތެރެއަށް އުކާލި ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގިތާ 40 މިނެޓް ފަހުން ފުލުހުންނާއި ރެސްކިއު ޓީމުތަކަށް އެސަރަހައްދަށް ދެވިފައިވާއިރު އޮފިޝަލުން ވަނީ ގިނަ މީހުން މަރުވެފައިވަނީ ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ކަމަށް ބުނެފައެވެ. އެގޮތުން ޓީމުތަކަށް އެސަރަހައްދަށް އާދެވުނު އިރު ހަ މީހަކު އެތަނުގައި މަރުވެފައި ތިބި ކަމަށާއި ހޮސްޕިޓަލަށް ގެންދިއުމުގެ ތެރޭގައި 10 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.