ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ 4000 ފުލެޓު އަތުލުމުގައި އަދި ދިނުމުގައި ވެސް އެމީހެއްގެ ޕާޓީއަށް ބަލާފައިނުވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އެހެން ވިދާޅުވެފައިވަނީ، މިދިޔަ ސަރުކާރުން ފުލެޓު ދޭން ކަނޑައެޅި ލިސްޓުގައި ހިމެނުނު ފަހުން ޕާޓީއަށް ބަލާފައި މި ސަރުކާރުން ފުލެޓު ނުދޭން ނިންމި ކަމަށް ބައްދަލުވުމުގެ ބައިވެރިޔަކު ތުހުމަތުކުރުމުންނެވެ.

ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް ނުވަތަ އިއުލާނުކުރެވިފައިވާ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކަށް މި ސަރުކާރުން ފުލެޓެއް ދީފައި ނުވާނެ ކަމަށާއި މި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

"މި ސަރުކާރުންނެއް އެއްވެސް މީހަކަށް ފްލެޓެއް ދީފައެއް އަދި ނުދީފައެއްވެސް ނުވާނެ ޕާޓީއަށް ބަލައިފައެއް. ޕާޓީގެ ގޮތުން ނޫނީ އެހެން އެއްވެސް ގޮތަކުން ބަލައި، މީހެއްގެ ފުލެޓެއް އަތުލާފައެއްވެސް އަދި ދީފައެއްވެސް ނުވާނެ. ހަމަ ވަރަށް ސާފުކޮށް އެކަން އެ އޮތީ ފެންނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައްދަލުވުންތަކުގައި ވަކި މީހަކަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމަށް އަދި ދިނުމަކަށް ވެސް އިރުޝާދެއް ދީފައިނުވާނެ ކަމަށާއި ވަކި މީހަކަށް ފުރުސަތުދީފައި އެހެން މީހަކަށް ފުރުސަތުދިނުމަށް އެއްވެސް މުވައްޒަފަކަށް އިރުޝާދުދީފައި ނުވާނެ ކަމަށެވެ.

"އެހެންވީމަ އެއްވެސް ބޭފުޅަކު އެހެން ވިސްނައިވަޑައިނުގެންނެވުމަށް އަޅުގަނޑު އެދެން، ވަކި ބޭފުޅަކަށް ނުދިނުމަކަށް އެއްވެސް ކަމެއް ނޯންނާނެ. އަދި ވަކި ބޭފުޅަކު އިސްކުރަންވެސް ކަމެއް ނުކުރަން. މި ހުރިހާ ބައްދަލުވުންތައް މި ބޭވިގެންދިޔައީ ހަމަ މި އުސޫލުން. އެހެންވީމާ އަޅުގަނޑު ޔަގީންކުރަން ރައްޔިތުން އެކަން ގަބޫލުކުރައްވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިރޭގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އެހެން ހުރިހާ ބައްދަލުވުމަކަށް ވެސް ވަގުތު އިތުރުކޮށްގެން، އިތުރު ފުރުސަތުތައް ދެވިގެން ކަމަށާއި އެގޮތުން މިރޭގެ ބައްދަލުވުން އެހެން ބައްދަލުވުންތަކަށްވުރެ 30 މިނެޓަށް ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.