ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ޕޮއިންޓުދީގެން ހުޅުމާލޭ ފޭސް އެކަކުން ގޯތި ލިބުނު ފަރާތްތަކުން ދައްކަންޖެހޭ ފައިސާއިން ދިހަ ޕަސަންޓު ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއްގެ ބިންތައް ލިބުނު ފަރާތްތަކަށް މިހާތަނަށް އެއްވެސް ލުޔެއް ދީފައިނުވާ ކަމަށާއި އެއީ ފައިސާ ދައްކައިގެން މިލްކުވާގޮތަށް އޮންނަ ގޯތިތަކެއް ކަމަށެވެ.
"ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް އެގްރީމަންޓުގައި އޮންނަ އަގުގެ ޖުމުލަ އަގުގެ ދިހަ އިންސައްތައިގެ ޑިސްކައުންޓެއް ރައްޔިތުންނަށް ސަރުކާރުން ދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ފަރާތްތަކުން ބާކީ ދައްކަންޖެހޭ އަދަދުން އެ ދިހަ ޕަސަންޓު އުނިވެގެންދާނެ ކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިހާރު ފައިސާގެ ބޮޑު އަދަދެއް ދައްކާފައިވާ ކަމަށެވެ.
އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ގޯތިތައް އިމާރާތްކުރެވޭ އުސްމިން ދިހަ ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ނަމަވެސް އެކަމުގައި ޝަރުތުތަކެއް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. އެހެންވެ މިކަން ކޮންޑިޝަނަލް ކުރަން. އެއީ ދިހަ ފްލޯއަށް ނަންގަވާ ކަމަށްވަންޏާ ތިރީ ފްލޯއަށް ޕާކިން އެއީ މަޖުބޫރު. ތިން ފްލޯއަށް ޕާކިން އެގޭގެ މީހުންގެ ޕާކިން އެތަނުގައި މަޖުބޫރުވާނެ. އަދި އެއް ފްލޯ ނޮން ރެސިޑެންޝަލް ޔޫސްއަށް ބޭނުންކުރުން މަޖުބޫރު ކުރާނަން. އެއީ ކޮމާޝަލް ވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެން ހިމެނޭ ފަންގިފިލާތައް ދިރިއުޅުމަށް ނުވަތަ އެހެން ފަރާތްތަކަށް ކުއްޔަށް ދެވިދާނެ ކަމަށާއި އެގޮތަށް ދިހަ ބުރިއަށް އިމާރާތްކުރުމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު