އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ފެމިލީ ކޯޓުން މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުކުރި އެ ހުކުމް، އެމްޑީޕީ، ފައްޔާޒު އަދި މަންދީގެ ފަރާތުން މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިމަހުގެ 16 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި އެ އިސްތިއުނާފީ މައްސަލަ ބަލައިގަތުމާމެދު އަދި އެ ކޯޓުން ގޮތެއް ނިންމާފައިނުވެއެވެ.
މިއަހަރުގެ މާޗު މަހުގެ ކުރީކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ މަނިކުފާނުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ވޭޕް ބޭނުންކުރައްވާތީ ކަމަށް ތުހުމަތުކޮށް މަންދީ ދެއްކި ވާހަކަތަކަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ދައުވާކުރައްވައިފައެވެ.
ފެމިލީ ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ ނޮވެމްބަރު މަހު ކުރި ހުކުމުގައި ބުނެފައިވަނީ މަންދީ އަދި އެމްޑީޕީގެ އެހެން އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީލް) ދެއްކި ވާހަކަތުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ.
މަންދީއާއި ސަލީމް ދެއްކި ވާހަކަތައް ކުށްވެރިކުރުމުގެ ބަދަލުގައި ނުވަތަ އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެމްޑީޕީން ވަނީ އެ ދެ މީހުންގެ ވާހަކައަށް ހިތްވަރުދީފައިވާ ކަމަށާއި އެކަން ސާބިތުވާ ކަމަށެވެ. އެހެންވެ އެކަމަށް އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒު ޒިންމާވާން ޖެހޭނެކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އެހެންވެ ފައްޔާޒާއި އެމްޑީޕީގެ ކިބައިން ބަދަލު ހޯދުމުގެ ފުރުސަތު ސާޖިދާއަށް ލިބިގެންވާކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ސާޖިދާވަނީ މި މައްސަލައާ ގުޅިގެން މަންދީއާއި ފައްޔާޒާ ދެކޮޅަށް ސިވިލް ކޯޓުގައިވެސް ދައުވާކޮށްފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކަނޑައެޅީ މަންދީގެ ވާހަކަތަކުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް މަންދީ ދެއްކި ވާހަކަތަކައް ފައްޔާޒާއި، އެމްޑީޕީން ޒިންމާވާން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު