މަޝްހޫރު އެކްޓަރު ނޯރާ ފަތޭހީއަށް، މުމްބާއީގައި ހިނގި ކާރު އެކްސިޑެންޓެއްގައި އަނިޔާވެއްޖެއެވެ. ނަމަވެސް މި ހާދިސާ ހިނގިތާ މަދު ގަޑިއިރުތަކެއް ފަހުން ވެސް އޭނާ ވަނީ ޑީޖޭ ޑޭވިޑް ގުއެޓާއާއެކު މުމްބާއީގައި ސްޓޭޖް ޕާފޯމަންސެއް ހުށަހަޅައިފައެވެ.

މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ނޯރާ އޭނާގެ ކާރުގައި ދަތުރުކުރަމުން ދަނިކޮށް، ބަނގުރާ ބޮއިގެން އިން ޑްރައިވަރެއް ދުއްވަމުން ދިޔަ ކާރަކުން އޭނާގެ ކާރުގައި ޖެހުނު ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. އެވަގުތު ކާރުގެ ކުޑަދޮރުގައި ވަރަށް ބާރަށް ބޯ ޖެހުނު ކަމަށް ނޯރާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވެއެވެ. އޭނާ މިކަން ސިފަކޮށްފައިވަނީ ހަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ހިތާމަވެރި އެއް ހާދިސާގެ ގޮތުގައެވެ.

އެކްސިޑެންޓްގެ ފަހުން ވެސް ޕަރފޯމްކުރަން ނިންމި ސަބަބު ހާމަކުރަމުން ނޯރާ ބުނީ އޭނާގެ މަސައްކަތާއި، އަމާޒުތަކާއި، ލިބޭ ފުރުސަތުތަކަށް އެއްވެސް ކަމަކުން ހުރަހެއް އެޅުނަ ދޭން ބޭނުންނުވާ ކަމަށެވެ.

މުމްބާއީ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ނޯރާއަަށް ބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އަދި ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކުން ފަރުވާ ހޯދައިފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ވަނީ ބަނގުރާ ބޮއިގެން ދުއްވި ޑްރައިވަރު ހައްޔަރުކޮށް، ބާރު ސްޕީޑްގައި ދުއްވުމާއި ބަނގުރާ ބޮއިގެން ދުއްވުމުގެ މައްސަލަ ރަޖިސްޓްރީ ކޮށްފައެވެ.