ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ފޭސް އެކެއްގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.

ފޭސް އެކެއްގެ ރައްޔިތުންނާއެކު ރައީސް ބާއްވަވާ ބައްދަލުވުން ކުރިއަށްދާނީ ރެހެންދި ސްކޫލުގައި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެކަން އިއުލާންކުރައްވައިފައެވެ.

އެގޮތުގެ މަތީން ރައީސް ވަނީ މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު، ހެންވޭރު، ގަލޮޅު އަދި ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ރައީސް ވިދާޅުވެފައިވަނީ މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށާއި މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހީންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފޭހުގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ފުރަތަަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ވަނީ ހުރިހާ ކައުންސިލަކާއި ޑަބްލިޔުޑީސީތަކާ ވެސް ބައްދަލުކުރައްވައިފައެވެ.