އެމެރިކާއިން ޓައިވާނަށް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމައިފިއެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމުގެ ބޮޑު ޑީލެއްގައި ހަތިޔާރު ވިއްކުމަށް ނިންމާފައިވާކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

އޮފިޝަލުން ބުނާގޮތުގައި އެމެރިކާއިން ޓައިވާނަށް ވިއްކުމަށް ހަމަޖެހިފައިވާ ހަތިޔާރުތަކުގެ ތެރޭގައި އެޑްވާންސް ރޮކެޓް ލޯންޗާސް އާއި އެކި ބާވަތުގެ ވަރުގަދަ މިސައިލުތައް ހިމެނެއެވެ.

ޓާއިވާނަށް ހަތިޔާރު ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމި ކަމުގައިވިޔަސް، އެގައުމުގެ ކޮންގްރެސް އިން އެކަމަށް ހުއްދަ ހޯދަން ޖެހޭނެއެވެ. މިއީ ޓްރަމްޕްގެ ސަރުކާރުން ޓައިވާނަށް ހަތިޔާރު ވިއްކުމަށް ނިންމި ދެވަނަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ވަނީ އެެމެރިކާއިން އެގައުމަށް ދޭން ނިންމި ހަތިޔާރުގެ ޕެކޭޖުގެ ސަބަބުން އެގައުމުގެ ސަލާމަތީ ކަންކަމަށް ވަރުގަދަވާނެ ކަމަށް ފާހަގަކޮށްފައެވެ.

ޓައިވާނާއި ޗައިނާއާ ދެގައުމުގެ މަޝްރަހު ހޫނުވެ ހަނގުރާމައަކަށް މިސްރާބު ޖަހާފައިވާ އިރު، ޓައިވާނުން ވަނީ އެގައުމުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފައެވެ.