ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތަކަށް 62 ޕަސެންޓް މީހުންގެ ތާއީދު އެބައޮތް ކަމަށް ބާނި، ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ" ތިންކު ޓޭންކުގެ ޕްރެޒިޑެންޓް އެޕްރޫވަލް ޕޯލް ޑިސެމްބާ 2025" އިން ދައްކައިފިއެވެ.

ބާނިއިން ވަނީ ސާވޭ ކުރިއަށް ގެންދިޔުމުގެ ތެރެއިން ވޯޓުލާ އުމުރުގެ ދިވެހީން ރައީސް މުއިއްޒުއާމެދު ދެކޭގޮތް މިދިޔަމަހު އަހައިފައެވެ. އޭގެ ތެރެއިން 62 ޕަސެންޓު މީހުން ރައީސް މުއިއްޒުގެ މަސައްކަތްޕުޅާ މެދު "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް ބުނެފައިވާ ކަމަށް ސާވޭޖެ ނަތީޖާގައިވަނީ ބަޔާންކޮށްފައެވެ.

ރައީސްގެ މަސައްކަތްޕުޅާމެދު "ހިތްހަމަނުޖެހޭ" ނުވަަތަ "ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ" ކަމަށް ބުނެފައިވަނީ 38 ޕަސަންޓު މީހުންކަމަށް ސާވޭގައި ނަތީޖާގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ ރައީސް މުއިއްޒަށް ލިބިފައިވަނީ 24+ ނެޓް އެޕްރޫވަލް ރޭޓިންއެއް ކަމަށް ސާވޭގެ ނަތީޖާގައި ބާނިއިން ބަޔާންކޮށްފައިވެއެވެ.

ސާވޭގެ ނަތީޖާ ނެރެފައިވަނީ ރެންޑަމް ފޯން ކޯލް މެދުވެރިކޮށް އިންޓަވިއު ކޮށްގެންކަމަށް ބާނިއިން ބުންޏެވެ. އެގޮތުން 391 މީހަކާ ސުވާލުކޮށް، ބައިނަލްގައުވާމީ ޕޯލިން މިންގަނޑުތަކާ އެއްގޮތަށް ސާވޭކޮށްފައިވާކަން ބާނިއިން ފާހަގަކޮށްފައިވެއެވެ.

ސާވޭގެ ނަތީޖާއިން ދައްކާގޮތުގައި ރައީސް މުއިއްޒަށް ގިނައިން ތާއިދު ކުރަނީ އަންހެނުންނެވެ. ސާވޭގައި ބައިވެރިވި އަންހެނުންގެ ތެރެއިން 64 ޕަސެންޓް އަންހެނުން ވަނީ ރައީސްގެ މަސައްކަތްޕުޅާ މެދުގައި ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އަދި ފިރިހެނުންގެ 60 ޕަސެންޓް ސަޕޯޓް ރައީސަށް ލިބިފައިވާ ކަމަށް ނަތީޖާގައި ވަނީ ބަޔާންކޮށްފައެވެ.