މަޝްހޫރު ވިޔަފާރިވެރިޔާ ރާޖު ކުންދުރާ އާއި އޭނާގެ އަންހެނުން، ބޮލީވުޑް ތަރި ޝިލްޕާ ޝެޓީގެ މައްޗަށް، 60 ކްރޯޑް ރުފީސްގެ ދަރަންޏަކާ ގުޅިގެން ހިންގި ހިޔާނާތުގެ ތަހުގީގުގެ ތެރެއިން، މަކަރާއި ހީލަތުގެ އިތުރު މައްސަލަތަކެއް ފެންމަތިވެފައިވަ ކަމަށް މުމްބާއީ ފުލުހުން ބުނެފިއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ފުލުހުން ބުނެފައިވަނީ ކުރީން މި ދެމަފިރިންގެ މައްޗަށް ހިންގި ހިޔާނާތުގެ ތަހުގީގުގެ އިތުރުން، މަކަރާއި ހީލަތް ހެދުމުގެ އިތުރު މައްސަލައެއްގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

މި މައްސަލައިގެ ދައުވާ ސާބިތުވެއްޖެ ނަމަ، ހަތް އަހަރާ ހަމައަށް ޖަލު ހުކުމަކާއި ފައިސާގެ ޖޫރިމަނާއެއް އަންނާނެ އެވެ. މި މައްސަލަ ރެޖިސްޓަރީ ކުރެވުނީ މުމްބާއީގައި ދިރިއުޅޭ 60 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި، މިހާރު ހުއްޓިފައިވާ ކުންފުންޏެއް ކަމަށްވާ "ބެސްޓް ޑީލް ޓީވީ ޕްރައިވެޓް ލިމިޓެޑް" (މި ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ރާޖު އާއި ޝިލްޕާ ހިމެނޭ) އާ ގުޅުންހުރި ލޯނު-އިންވެސްޓްމަންޓް މުއާމަލާތަކުން އޭނާގެ 60.4 ކްރޯޑް ރުޕީސްއަށް މަކަރު ހަދާފައިވެއެވެ. ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ރާޖް އާއި ޝިލްޕާގެ ބަޔާންތައް ނަގައިފައި ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހަބަރުތައް ފެތުރުމާއެކު، ރާޖު ކުންދުރާ ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް، އޭނާ އާއި އޭނާގެ އަންހެނުންނާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް އަދި ބަޔަކު ބޭނުންވެގެން ކުރާ ތުހުމަތުތަކެއް ކަމަށް ސިފަކޮށްފައެވެ.

"އަހަރެމެންނާ ދެކޮޅަށް ފަތުރަމުންދާ އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ދޮގުކުރަން. މި މައްސަލައަށް ޖިނާއީ ކުށެއްގެ ސިފަ ގެނައުމަކީ އެއްވެސް ގާނޫނީ ބިންގަލެއް ނެތި ކުރާ ކަމެއް،" ރާޖު އެކްސްގައި ކުރި ޕޯސްޓުގައިވެއެވެ.