މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަސައްކަތަށް ފުރުސަތު ދިނުމުގެ ގޮތުން އެ ކުންފުނިން، ވިލްމިންގްޓަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 1.5 މިލިއަން ރުފިޔާ ދޭން ކުރި ހުކުމުގެ މައްސަލަ މަޑުޖައްސާލަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ ލ. ބަރެސްދޫގައި ގެސްޓްހައުސް ޑިވެލޮޕްކޮށް މެނޭޖުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ ދަށުން ވިލްމިންގްޓަންއަށް ބިން ލިބިފައިވާ ކަމަށް އެންގުމަށްފަހު އެ ބިން ހަވާލުކޮށްފައި ނުވާތީ، ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި 100،000 ޑޮލަރާއި ވަކީލު ފީގެ ގޮތުގައި ހަރަދު ކުރަންޖެހުނު 10،000 ރުފިޔާ އެކީ އެއްފަހަރާ ހޯދުމަށް ކުރި ދައުވާއާ ގުޅިގެން އެމްއައިޓީޑީސީން ދޭން އެއްބަސްވި 1.5 މިލިއަން ރުފިޔާ ނުދައްކައިގެން ހުށަހެޅި މައްސަލައެކެވެ.
އެ ފައިސާ ހޯދަން ވިލްމިންގްޓަން އިން ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވަނީ 100،000 ޑޮލަރު ނުވަތަ 1.5 މިލިއަން ރުފިޔާއަކީ އެމްއައިޓީޑީސީން ވިލްމިންގްޓަން އަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއްކަމަށް ކަނޑައަޅައި އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށާއި، ވަކީލު ފީގެ ގޮތުގައި ދައްކަންޖެހުނު 10،000 ރުފިޔާ އެމްއައިޓީޑީސީން ނަގައި ދިނުމަށެވެ.
މި ދައުވާގައި، 1.5 މިލިއަން ރުފިޔާ ވިލްމިންގް އަށް ދޭން އެމްއައިޓީޑީސީން އެއްބަސްވިއެވެ. ނަަމަވެސް ވަކީލުގެ ފީގެ ގޮތުގައި 10،000 ރުފިޔާ ދޭން އިންކާރުކުރިއެވެ.
މި މައްސަލައިގައި މިދިޔަ އޭޕްރީލް މަހުގެ 29 ގައި ސިވިލްކޯޓުން ހުކުމް ކުރީ ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމަށް ލޯފާމާއެކު ހަދާފައިވާ އެއްބަސްވުން ހުށަހަޅާފައި ނުވާތީ ވަކީލުފީ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް 1.5 މިލިއަން ރުފިޔާ ވިލްމިންގްޓަން އަށް ލިބިދިނުމުގެ ގޮތުން ތިންމަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެ މަހަކަށްޖެހޭ މިންވަރު ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އެމްއައިޓީޑީސީގެ މައްޗަށް އަމުރުކުރިއެވެ.
ނަމަވެސްް އެ ހުކުމާ އެއްގޮތަށް އެމްއައިޓީޑީސީން ފައިސާ ނުދައްކާތީ އެ މައްސަލައިގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އެ މައްސަލަ 19 އޯގަސްޓްގައި ވިލްމިންގްޓަން އިން ސިވިލްކޯޓަށް ހުށަހެޅިއެވެ. އެކަމާ ގުޅިގެން ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެމްއައިޓީޑީސީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްގައި ހުރި ފައިސާގެ ތެރެއިން 161،000 ރުފިޔާ ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިއެވެ.
މި މައްސަލައިގައި ވިލްމިންގްޓަންއިން، މުދަލެއް ތަސައްރަފުކުރުން ހުއްޓުވުމަށާއި، ވަކި މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވަކި ފަރާތެއްގެ ބެލުމުގެ ދަށަށް ގެނައުމަށް، ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހެޅިއެވެ.
މި މައްސަލައިގެ ޖަވާބުގައި އެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށްގެންދާކަމުގެ މައުލޫމާތު އެމްއައިޓީޑީސީން ކޯޓަށް ހުށަހެޅިއެވެ. އަދި ކުުންފުނި އުވާލުމުގެ މަސައްކަތް ކުރަމުންދަނީ ކުންފުނީގެ ގާނޫނާ އެއްގޮތަށް ކަމަށާއި ކުންފުނީގެ ދަރަނި އަދާކުރުމުގައި އަމަލުކުރަންޖެހޭނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަރުތީބުން ކަަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ކުންފުނީގައި މިހާރު ހުރި ފައިސާ ހިފަހައްޓައި ވަކިވަކި ތަންފީޒީ މައްސަލަތަކަށް އެކަނި ހަމަޖެއްސުމަކީ ގާނޫނާހިލާފު ކަމަކަށްވާތީ ބޭންކް އެކައުންޓުތައް ފްރީޒްކޮށް އެކައުންޓްތަކުގައި ހުރި ފައިސާ ކޯޓަށް ގެނައުމަށް ނެރެފައިވާ އަމުރުތައް ބާތިލުކޮށްދިނުމަށާއި އެފަދަ އަމުރެއްގެ ދަށުން ފައިސާ ގެނެސްފައިވާނަމަ އެ ފައިސާ އަނބުރާ ރައްދުކޮށްދިނުމަށާއި މިހާރު ސިވިލް ކޯޓުގައި ހިނގަމުންދާ ތަންފީޒީ މައްސަލަތައް މަޑުޖައްސައިލުމަށާއި ކުންފުނީގެ ގާނޫނުގެ ދަށުން ކުންފުނީގެ ހުރިހާ އަރަނިވެރިންނަށްވެސް އެއްހަމައަކުން ދަރަނި އަދާކުރުމުގެ ފުރުސަތު ދިނުމުގެގޮތުން ކުންފުނީގެ ގާނޫނާ އެއްގޮތަށް ކުންފުނި އުވާލުމުގެ މަރުހަލާތަކަށް ފުރުސަތު ދިނުމަށް ކޯޓުގައި އެދުނެވެ.
މިކަމާ ގުޅިގެން ވިލްމިންގްޓަން އިން ބުނީ އެމްއައިޓީޑީސީ މިހާރު އޮތީ ލިކުއިޑޭޝަބްގެ ހާލަތުގައި ކަމުން ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރިކަން ސާފުނުވާ ކަމަށެވެ. އެހެންކަމުން އެމްއައިޓީޑީސީން ލިބެންޖެހޭ ފައިސާ ލިބޭނެކަމުގެ ޔަގީންކަން ނެތުމުން މި މައްސަލައިގައި ހިމެނޭ މުދާ ކަމަށްވާ ލ. ބަރެސްދޫގެ ޕްލޮޓް ރައްކާތެރި ކުރުމުގެ ޒަރޫރީ ބޭނުން އަދިވެސް އޮތުމުން މި މައްސަލައިގައި ހުށަހެޅި ވަގުތީ އަމުރު ނެރެދެއްވައި މި މައްސަލައިގެ ތަންފީޒު ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އެމްއައިޓީޑީސީއަކީ މިހާރު އުވާލަން ނިންމާފައިވާ ކުންފުންޏެއްކަން އެނގެން އޮންނާތީ، މި ހާލަތުގައި ދައުވާ ކުރާ ފަރާތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންދަން ހުށަހަޅަންޖެހޭނީ އެ ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް އައްޔަންކޮށްފައިވާ ލިކުއިޑޭޓަރަށް ކަމަށެވެ. އަދި ކުންފުނި އުވާލުމުގެ ކަންކަން ގާނޫނުގެ ދަށުން ކުރިއަށްގެންދަން ފުރުސަތު ދިނުމަށްޓަކައި ހުކުމް ތަންފީޒު ކުރުމުގެ މި މައްސަލަ މި ހިނދަށް ކުރިއަށް ނުގެންދެވޭނެ ކަަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.
އެމްއައިޓީޑީސީ އަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ގައި އުފެއްދި ކުންފުންޏެކެވެ.
އިބްރާހިމް ޒަކީ
ރ. ހުޅުދުއްފާރު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
އެމްޑީޕީ
ހުޅުމާލެ ފޭސް 2