ފިލްމު ބޯޑާ ގެ ސީކްއެލް ބޯޑާ 2 ގެ ފުރަތަމަ ޓީޒަރ ރިލީޒްކޮށްފިއެވެ. ޖޭ.ޕީ. ދައްތާގެ މަޝްހޫރު ހަނގުރާމަ ފިލްމު ބޯޑާ ގެ މި ސީކުއެލްގައި ސަނީ ޑިއޯލް އަލުން ފެނިގެންދެއެވެ. މީގެ އިތުރުން ވަރުން ދަވަން، ދިލްޖިތު ދޮސަންޖު އަދި އަހާން ޝެޓީ ފަދަ އާ ތަރީންވެސް މި ފިލްމުން ފެނިގެންދާނެއެވެ.
މުމްބާއީގައި ބޭއްވި ބޮޑު އިވެންޓެއްގައި ފިލްމުގެ ޓީޒަރ ރިލީޒްކުރުމަށްފަހު، އެކްޝަން، ފިލްމުގެ ބޮޑުކަން އަދި ކުރީގެ ހަނދާންތައް އާކޮށްދިނުމުން ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ޓީޒަރ ފެށިގެން އަންނަނީ 1971 ވަނަ އަހަރުގެ އިންޑޯ-ޕާކް ހަނގުރާމައިގެ މަންޒަރުތަކާއެކު ސަނީގެ އަޑުން ޕާކިސްތާނަށް އިންޑިއާއަށް ވަނުމަށް ގޮންޖަހަމުންނެވެ. ވަރުން، ދިލްޖިތު އަދި އަހާން ފަދަ ބަތަލުން ތަފާތު ސަރަހައްދުތަކުގައި ތިބޭ މަންޒަރުތައް ފެނެއެވެ. މީގެ އިތުރުން، ހަނގުރާމައިގެ މަންޒަރުތަކާއި އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންކަންވެސް ދައްކުވައިދެއެވެ. ޓީޒަރ ނިމިގެންދަނީ ވައިގެ މަގުންނާއި ބިންމަތީގައި ކުރާ ހަނގުރާމަތަކުގެ އިތުރުން، ހިންދީ ސިނަމާއަށް އާކަމެއް ކަމަށްވާ ކަނޑުގެ ހަނގުރާމަތަކުގެ މަންޒަރުތަކާއެކުއެވެ. ކުރީގެ ފިލްމުގެ "ހިންދުސްތާން މޭރީ ޖާން" ލަވަ ކުޅެމުން އަންނައިރު ފިލްމުގެ ނަން ފެނިގެންދެއެވެ.
ޓީޒަރ ރިލީޒްކުރުމުގެ ކުރިން، ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ސަނީ، ވަރުން، ދިލްޖިތު އަދި އަހާންގެ ކެރެކްޓަރ ޕޯސްޓަރުތައްވެސް ރިލީޒްކޮށްފައެވެ.
ބޯޑާ 2 އަކީ ގުލްޝަން ކުމާރު އެންޑް ޓީ-ސީރީޒްއާއި ޖޭ.ޕީ. ދައްތާގެ ޖޭ.ޕީ. ފިލްމްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ބޫޝަން ކުމާރު، ކްރިޝަން ކުމާރު، ޖޭ.ޕީ. ދައްތާ އަދި ނިދީ ދައްތާ ޕްރޮޑިއުސްކޮށް، އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސޮނަމް ބާޖްވާ، މޯނާ ސިންގް، މޭދާ ރާނާ، ޕަރަމްވީރު ޗީމާ، ގުނީތު ސަންދޫ އަދި އަންގަދު ސިންގް ވެސް ފެނިގެންދެއެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖެނުއަރީ 23 ގައެވެ. 1997 ގައި ރިލީޒްކުރި ބޯޑާ އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް