ފިލްމްފެއަރ އޯ.ޓީ.ޓީ އެވޯޑްސްގެ ހަވަނަ އެޑިޝަން މުމްބާއީގައި ޑިސެމްބަރ 15 ގައި ބޭއްވިއިރު، މި ހަފުލާގައި އާލިއާ ބަޓް، ވިކީ ކައުޝަލް ފަދަ ގިނަ ތަރިން ވަނީ ބައިވެރިވެފައެވެ.

މި ހަފުލާގައި، 'ޕާތާލް ލޯކް ސީޒަން 2'، 'ބްލެކް ވޮރަންޓް'، އަދި 'ޚައުފް' ފަދަ ޝޯތަކާއި، 'ގަރލްސް ވިލް ބީ ގަރލްސް'، 'ސްޓޯލަން'، އަދި 'ސެކްޓަރ 36' ފަދަ ވެބް އޮރިޖިނަލް ފިލްމުތަކުން ވަނީ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައެވެ.

ސީރީޒް ބައިން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް 'ބްލެކް ވޮރަންޓް' އަށް ވިކްރަމާދިތިޔަ މޯޓްވާނޭ، ސަތްޔަންޝޫ ސިންގް، އަރްކޭޝް އަޖޭ، އަމްބިއެކާ ޕަންޑިތު އަދި ރޯހިން ރަވިންދްރަން އަށް ލިބުނުއިރު، ކްރިޓިކްސްގެ އެންމެ މޮޅު ސީރީޒްގެ އެވޯޑް 'ޕާތާލް ލޯކް ސީޒަން 2' އަށް ވަނީ ލިބިފައެވެ. އެންމެ މޮޅު އެކްޓަރ ޑްރާމާ ބައިން 'ޕާތާލް ލޯކް ސީޒަން 2' އިން ޖައިދީޕް އަހްލާވަތު އަދި އެކްޓްރެސް ޑްރާމާ ބައިން 'ޚައުފް' އިން މޮނިކާ ޕަންވަރު އެވޯޑް ހާސިލުކުރިއެވެ. ކޮމެޑީ ބައިން އެންމެ މޮޅު ސީރީޒަކަށް 'ރާތު ޖަވާން ހެއި' ހޮވުނުއިރު، އެންމެ މޮޅު އެކްޓަރު ކޮމެޑީއަށް 'ރާތު ޖަވާން ހޭ' އިން ބަރުން ސޯބްތީ އަދި އެންމެ މޮޅު އެކްޓްރެސް ކޮމެޑީއަށް 'ކޯލް މީ ބޭ' އިން އަނަންޔާ ޕާންޑޭ ހޮވުނެވެ. 'ޕާތާލް ލޯކް ސީޒަން 2' އަށް އެންމެ މޮޅު ވާހަކަ އާއި އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ލިބުނުއިރު، 'ޚައުފް' އަށް އެންމެ މޮޅު ސިނަމަޓޮގްރަފީ، އެޑިޓިން، ބެކްގްރައުންޑް މިޔުޒިކް، ވީ.އެފް.އެކްސް އަދި ސައުންޑް ޑިޒައިން ލިބުނެވެ.

ވެބް އޮރިޖިނަލް ފިލްމް ބައިން އެންމެ މޮޅު ފިލްމަކަށް 'ގަރލްސް ވިލް ބީ ގަރލްސް' ހޮވުނުއިރު، މި ފިލްމުގެ ޑައިރެކްޓަރު ޝޫޗީ ތަލާތީއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނެވެ. ކްރިޓިކްސްގެ އެންމެ މޮޅު ވެބް އޮރިޖިނަލް ފިލްމަކަށް ބޯމަން އިރާނީގެ 'ދަ މެހްތާ ބޯއީސް' ހޮވުނެވެ. އެންމެ މޮޅު އެކްޓަރު ވެބް އޮރިޖިނަލް ފިލްމަށް 'ސްޓޯލަން' އިން އަބިޝެކް ބަނަރްޖީ އަދި އެކްޓްރެސް ވެބް އޮރިޖިނަލް ފިލްމަށް 'މިސެސް' އިން ސާންޔާ މަލްހޯތުރާ ހޮވުނެވެ. އަދި ކްރިޓިކްސްގެ އެންމެ މޮޅު އެކްޓަރ ވެބް އޮރިޖިނަލް ފިލްމަށް 'ސެކްޓަރ 36' އިން ވިކްރާންތު މަސީ، އެކްޓްރެސް ވެބް އޮރިޖިނަލް ފިލްމަށް 'ގަރލްސް ވިލް ބީ ގަރލްސް' އިން ޕްރީތީ ޕަނިގްރާހީ ހޮވުނެވެ. 'ސްޓޯލަން' އަށް އެންމެ މޮޅު ވާހަކަ، ސިނަމަޓޮގްރަފީ އަދި ސައުންޑް ޑިޒައިންގެ އެވޯޑް ލިބުނެވެ.

ޝޯޓް ފިލްމު ބައިން ޕީޕަލްސް ޗޮއިސް އެންމެ މޮޅު ޝޯޓް ފިލްމަކަށް ރާގަވް ކަންސާލް ޑައިރެކްޓްކުރި 'ޑިވޯސް' ހޮވުނެވެ. އެންމެ މޮޅު އެކްޓްރެސް ޝޯޓް ފިލްމަށް 'އައިޝާ' އިން ފާތިމާ ސަނާ ޝެއިޚް އަދި އެންމެ މޮޅު އެކްޓަރ ޝޯޓް ފިލްމަށް 'ޗަޝްމާ' އިން އައްޔަން ޚާން ހޮވުނެވެ. ފިކްޝަން ޝޯޓް ފިލްމް ބައިން 'އައިޝާ' އަށް އެވޯޑް ލިބުނުއިރު، ނޮން-ފިކްޝަން ނުވަތަ ޑޮކިއުމެންޓްރީ ޝޯޓް ފިލްމް ބައިން 'ލަންގޫރ' އަށް އެވޯޑް ލިބުނެވެ. އެންމެ މޮޅު ޝޯޓް ފިލްމް ޑައިރެކްޓަރަކަށް ހޮވުނީ ރޭނުކާ ޝަހާނޭ (ދާވްޕައްޓީ) އެވެ.