މި ސަރުކާރުން ހުސް ވާހަކަ ނުދައްކާނެ ކަމަށާއި ހަގީގީ މާނައިގައި ކަންކަން ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަރައްގީކުރުމުގެ ކަންކަން ކުރިއަށްއޮތްތާނގައި ވެސް ކުރިއަށްގެންދަވާނެ ކަމަށާއި އެކަމަށްޓަކައި ބޭނުންވާ މުހިންމު މަސައްކަތްތައް މިއަހަރުގެ ތެރޭގައި ގިނަ ރަށްތަކެއްގައި ފެށިފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އިތުރުން ކޮންމެ ސިނާއަތެއް ކުރިއެރުވުމަށްޓަކައި ވެސް މަސައްކަތްކުރެވިގެންދާ ކަމަށާއި އެގޮތުން މަސްވެރިކަމުގެ ސިނާއަތަށްވެސް މިއޮތްހާ ދުވަހު ނުކޮށްދެވި ހުރި ކަންތައްތައް ކުރުމަށްޓަކައި މި ސަރުކާރު ތެދުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަންކަން ކުރަން ނިންމައިގެން ތެދުވީ ހަގީގީ މާނައިގައި ކުރިއެރުން ގެނައުމަށްޓަކައި. ހުސް ވާހަކައެއް ދައްކާކަށެއް ނޫން. ހުސް ވާހަކައެއް ނޫން ދައްކާނީ އަޅުގަނޑުމެންނެއް. ހަގީގީ މާނައިގައި ކަންކަން ކޮށްދޭނީ. އަދި ކޮށްދޭ ކޮންމެ ކަމެއް ކޮށްދޭނީ އެކަމާ ގުޅޭ މީހުންނާ ގާތުން ވާހަކަ އަޑުއަހައިގެން. އެ ބޭފުޅުން ވިދާޅުވާ ކަންކަން އަޑުއަހައިގެން. އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާ ގޮތަކީ ގާތުން މަސައްކަތްކުރުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަނީ އެކަމާ ގުޅޭ ފަރާތްތައް ކައިރިއަށް ގޮސް ކަންކަން އޮޅުންފިލުވައިގެން ކަމަށާއި މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ. އެގޮތުން މަސްވެރިންނާއި އެކި ސިނާއަތްތަކުގެ މީހުން އަދި ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކޮށް ވާހަކަދެއްކިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.