ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.

"ވީމާ ގަލޮޅުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ..،" ހީނާ ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެކަން އިއުލާންކުރައްވައިފައެވެ.

އެގޮތުގެ މަތީން ރައީސް ވަނީ މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. ގަލޮޅުގެ ރައްޔިތުންނަށްފަހު، ރައީސް ދެން ބައްދަލުކުރައްވާނީ ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ރައްޔިތުންނާއެވެ. ހުޅުމާލޭގެ އެ ދެ ފޭސްގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ ވަކި ދެ ބައްދަލުވުމެއްގެ ގޮތުގައެވެ.

ރައީސް ވިދާޅުވެފައިވަނީ މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށާއި މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހީންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފޭހުގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ފުރަތަަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ވަނީ ހުރިހާ ކައުންސިލަކާއި ޑަބްލިޔުޑީސީތަކާ ވެސް ބައްދަލުކުރައްވައިފައެވެ.