ޔޫތު މިނިސްޓްރީން ކުރިއަށްގެންދިޔަ ޔޫތު ހެކަތޯންގެ އެއްވަނަ ހޯދައި "ސީ ސްޓޭކް" ޓީމުން އެއްލައްކަ ރުފިޔާ ހާސިލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން އެ ހެކަތޯން ކުރިއަށްގެންދިޔައީ މިމަހުގެ 11 އިން އިއްޔެގެ ނިޔަލަށެވެ.

މެދުނުކެނޑި 48 ގަޑިއިރަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގައި 85 ޒުވާނަކު ބައިވެރިވިއެވެ. ތިން ދުވަހަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ޓީމުތަކުން ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

އެ ހެކަތޯން ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ރޭ ބާއްވާފައިވާ އިރު، އެ ހެކަތޯނުން އެއްވަނަ ހޯދި "ސީ ސްޓޭކް" ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) ހާލިދު އަލް ހަމާދީއެވެ.

އެ ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ "ވޭވް މައިންޑްސް" އެވެ. އެ ރަސްމިއްޔާތުގައި ރަނަރަޕް ޓީމު "ވޭވް މައިންޑްސް" އަށް 75،000 ރުފިޔާ އަދި ތިންވަނައަށް ހޮވުނު "ސިކް ސޭ ވެން" ޓީމަށް 50،000 ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.

އެ ހެކަތޯންގައި ޕިޗް ކުރުމަށް ހަތަރު ދާއިރާއެއް ހުޅުވާލިއެވެ. އެއީ ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް، މެންޓަލް ވެލްނެސް އެންޑް ރެސިލެންސް، ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ އަދި އާޓްސް ކަލްޗާ އެންޑް ޑިޖިޓަލް ކްރިއޭޓިވިޓީއެވެ.

އެ ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯ ޕާޓްނަރަކީ ވިމެން އިން ޓެކްއެވެ.