ކެމްބޯޑިއާއިން ތައިލެންޑަށް ދަތުރު ނުކުރެވޭގޮތަށް ބޯޑަރު ބަންދުކޮށްފިއެވެ.
ކެމްބޯޑިއާ އާއި ތައިލެންޑާ ދެމެދު ހަމަލާ ބަދަލުކުރުން ފަށައި ބޯޑަރު ސަރަހައްދުގައި މަޝްރަހު ގޯސްވެ ވަނީ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.
ހަމަލާ ބަދަލުކުރުން ކުރިއަށްދާއިރު ކެމްބޯޑިއާއިން އިއްޔެ ވަނީ އެގައުމުން ތައިލެންޑަށް އެއްވެސް ބަޔަކަށް ދަތުރުނުކުރެވޭނެ ގޮތަށް ބޯޑަރު ސަރަހައްދު ބަންދުކޮށްފައެވެ.
ކެމްބޯޑިއާގެ އިންޓީރިއާ މިނިސްޓްރީން ބުނީ ބޯޑަރު ސަރަހައްދު ބަންދުކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
ދެގައުމުން އަލުން ހަމަލާ ބަދަލުކުރަން ފަށާފައިވާ އިރު، އެ ހަމަލާތައް ހުއްތާލައި ސުލްހަ ގާއިމުކޮށް އެއްބަސްވުމަކާ ހަމައަށް ދެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ޗާންވިރަކުލް ވަނީ ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަކަށް އަމަލު ކުރާނީ ބޯޑަރު ސަރަހައްދުން ކެމްބޯޑިއާގެ ސިފައިން ހުސްކޮށް އެ ސަރަހައްދުގައި ފޮރުވާފައި ހުރި ބިމު އަޑީގެ މައިންތައް ނެގުމުން ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ހަފުތާއިން ފެށިގެން ކެމްބޯޑިއާ އާއި ތައިލެންޑާ ދެމުން އަންނަ ހަމަލާތަކުގައި ތައިލެންޑުން މިހާތަނަށް 15 މީހަކު މަރުވެ 270 މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ކެމްބޯޑިއާއިން ވަނީ އެގައުމުގެ 11 އާންމުން މަރުވެ 59 މީހަކަށް އަނިޔާވެ ފަރުވަ ދީފައިވާކަމަށް ބުނެފައެވެ.
ހަމަލާތައް ބަދަލުކުރަން ފެށުމާއެކު ދެގައުމުން ވެސް ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ 700،000 އަށްވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބަކަށް ބަދަލުވެފައެވެ.
މުހައްމަދު އައުޒަމް
ތައިލެންޑް
ތައިލެންޑް
ތައިލެންޑް
ތައިލެންޑް