ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ޔޫތު ހެކްތޯން، 85 ޒުވާނުންނާއެކު މިއަދު ފަށައިފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ބުނީ އެ ހަރަކާތަކީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަ ކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ. އެއީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ.

48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ އެ ހަރަކާތުގައި ޓީމްތަކުން ތަފާތު ހަތަރު ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ޔޫތު ހެކަތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ މިއަހަރުގެ ހެކަތޯންގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވުމުން ފެނިގެންދަނީ ޒުވާނުން މިކަމަށް ހުރި ޝައުގުވެރިކަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުން ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން ބުނީ ހެކްތޯންގެ ބައިވެރިންގެ ހުށަހެޅުންތަކުގެ ތެރެއިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާއަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ސްޕޮންސާގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ވެސް ލިބޭނެއެވެ.