ސަރުކާރުގެ އަމާޒަކީ މަސްވެރިކަން އިތުރަށް ޒަމާނީކޮށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި ކަމަށެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަހުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން." ރައީސް ވިދާޅުވިއެވެ،

ރައީސް ވިދާޅުވީ، ގައުމުގެ އިގްތިސޯދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން ކަމަށާއި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ރައީސް ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި އާއިލާތަކަށް އަރިސްކުރައްވައިފައެވެ.