ހުޅުމާލެ ފޭސް ދޭއްގެ 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެސް ޓަވަރެއްގައި ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކުލިނިކެއް ހަދަން ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް އެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޒާން އެވެ.

މި އެެއްބަސްވުމަށްފަހު ރައްޒާގު، އެފްޑީސީއަށް ދެއްވި ވީޑިއޯ އިންޓާވިއުގައި ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން އާބަން ޕްރައިމަރީ ހެލްތު ކެއާ ކްލިނިކެއް އަމާން އުދަރެސް ޓަވަރު ހަޔެއްގައި ހަދާނެ ކަމަށެވެ.

"މި ގާއިމްކުރާ ޕްރައިމަރީ ހެލްތުކެއާ ކްލިނިކުގައި އިތުރު ހިދުމަތްތަކެއް ކުރިޔަށްގެންދާނެ. އޭގެތެރޭގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި ގްރޯތް މޮނީޓަރިންގެ މަސައްކަތްތަކާއި ވެލް ބިއިން އާއި ކައުންސިލިން އަދި އޭގެއިތުރަށް ޖެނެރަލް ޕްރެކްޓިސް ސާވިސް. ތަޖުރިބާކާރުން، ކޮންސަލްޓޭޓުން ގެނެސްގެން މި ހިދުމަތް ފޯރުކޮށްދޭނީ." ރައްޒާގު ވިދާޅުވިއެެވެ.

މިކަމުގެ ސަބަބުން ގިނަ ބަަޔަކު ހޮސްޕިޓަލުތަކަށް ޒިޔާރަތްކުރުމާއި އެތަންތަނުގެ ހިދުމަތް ހޯދުމަށް ހޭދަކުރާ ދުވަސްތައް މަދުވާނެ ކަން ރައްޒާގު ފާހަގަކުރައްވަމުން ވިދާޅުވީ ޖީޕީ ކްލިނިކުން އެ ހިދުމަތް ހޯއްދަވާފައި އަވަހަށް އެ ހިދުމަތްތައް ލިބިގެން އަދި ސްޕެޝަލިސްޓުންނަށް އަވަހަށް އެޕޮއިމްޓްމަންޓް ލިބޭނެ ގޮތްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިޔަށްގެންދަވާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކް ގާއިމްކުރަން ނިންމަވާފައިވާ އިރު މާލޭގައި ހަތަރު ޖީޕީ ކްލިނިކް އަދި ހުޅުމާލޭގައި ދެ ޖީޕީ ކްލިނިކް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްގެންދާ ކަމަށެވެ.

"ވަރަށް އަވަހަށް ހެންވޭރުގައި އާބަން ހެލްތް ކެއާ ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ. މި ދެތަން އެކުއެކީގައި ކުރިޔަށްގެންގޮސް ނިންމާލުމުގެ މަސައްކަތް ކުރިޔަށްމިގެންދަނީ. ހުޅުމާލޭގައި އާބަން ޕްރިމަރީ ހެލްތް ކެއާ ގާއިމް ކުރުމުގެ މަސައްކަތް." ރައްޒާގު ވިދާޅުވިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްގެން މާލޭގައި ގާއިމްކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު އަދި ޖީޕީ ކްލިނިކް ރަސްމީކޮށް ހުޅުވައިފައިވަނީ ނޮވެމްބަރު މަހުގެ 19 ގައެެވެ.