ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި ހުރި ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ވިލިމާލެ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުއްޓައި 31 ސިނގިރޭޓު ކާޓޫން ގެއްލުނު މައްސަލައިގައި ފުލުހުން ވަނީ މިދިޔަ މަހު ޖިނާއީ ތަހުގީގެއް ފަށައިފައެވެ.
އެ މައްސަލައިގައި ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށެވެ.
މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއާ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް ކަމަށާއި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބެލި އިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އޭގެ ތެރެއިން މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދަނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް