ފުލުހުންގެ ހިދުމަތުގެ "ޑިޖިޓަލް ޑޭޓާ ޓެކްނޮލޮޖީ" އެޕް ތައާރަފުކޮށްފިއެވެ.

އެޕް ތައާރަފުކުރުމަށް އިސްކަންދަރު ކޮށި އެކެއްގައި މިއަދު ބޭއްވި ހަފުލާގައި މައުލޫމާތުދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސައީދު ވިދާޅުވީ ފުލުހުން މިފަހަރު ތައާރަފުކުރާ "ޑިޖިޓަލް ޑޭޓާ ޓެކްނޮލޮޖީ" އެޕްގައި ވަރަށް ގިނަ އިތުރު އެޕްތައް ތައާރަފުކުރާނެ ކަމަށެވެ.

"މައްސަލަތަކާ ގުޅިގެން ރައްޔިތުން އަޕްޑޭޓް ހޯދުމަށް، މި އެޕް ތެރެއިން ވަރަށް ފަސޭހަވެގެން ދާނެ. ޑައިރެކްޓުކޮށް މައްސަލަ ބަލާ ފަރާތްތަކާއި ޕަބްލިކާ ވާހަކަދެއްކޭނެ އިންތިޒާމު މި އެޕް ތެރޭގައި ހަމަޖެހިގެންދާނެ. އަދި މިނޫނަސް އެތައް ބައިވަރު އެޕްތަކެއް މި އެޕްތެރޭގައި ތައާރަފުކޮށްފައިވާނެ،" އިންސްޕެކްޓާ އޮފް ޕޮލިސް ސައީދު ވިދާޅުވިއެވެ.

8 ޑިސެމްބަރު 2025: ގިނަ ޕްލެޓްފޯމްތަކެއް ހިމެނޭ ފުލުހުންގެ "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ" އެޕް ތައާރަފުކުރި ރަސްމިއްޔާތު --- ވަންފޮޓޯ/ ހަމްދާން އަހުމަދު

މިހާރު ފުލުހުންގެ ވެބްސައިޓް ބަދަލުކޮށްފައިވާނީ މައި ޕޯޓަލްގެ ގޮތަށް ކަމަށާއި އެ ޕޯޓަލަށްވެސް އަދި އެހެން އެޕްތަކަށްވެސް ލޮގިން ކުރަންޖެހެނީ އީ-ފާސް މެދުވެރިކޮށް ކަމަށް ސައީދު ވިދާޅުވިއެވެ.

"ޝޯކޭސް ކުރަނީ ފަސް އެޕް، އެހެން ނަމަވެސް ޖުމުލަގޮތެއްގައި ދިހަ ވަރަކަށް އެޕް މި އިވެންޓު ތެރޭގައި އެބަ ރިލީސްކުރަން. ސައިބާ ޕޯޓަލަށް ވަދެ ސްކޭމް ޗެކްކުރެވޭ ޕޯޓަލެއް އެބަ ތައާރަފުކުރަން. އެހެންވީމަ މި ސާވިސްތަކަށް ވަރަށް ބޮޑަށް އަހުުލުވެރިވެގެން، ހާއްސަކޮށް ޕޮލިސް ފަހުގެ އެޕް ހުރިހާ ބޭފުޅުންވެސް ޑައުންލޯޑުކުރައްވައިގެން ފޯނަށް އެޅުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފުލުހުންގެ އިދާރީ ހިންގުމަށާއި ތަހުގީގުތަކަށް ބޭނުންވާ އިންޓާނަލް މޮޑިއުލަތަކާއި ފުލުހުންގެ ތެރޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ލިބޭ އޮންލައިން ޕްލެޓްފޯމެއްވެސް ފުލުހުންގެ "ޑިޖިޓަލް ޑޭޓާ ޓެކްނޮލޮޖީ" ގައި ތައާރަފުކޮށްފައިވެއެވެ.

8 ޑިސެމްބަރު 2025: ގިނަ ޕްލެޓްފޯމްތަކެއް ހިމެނޭ ފުލުހުންގެ "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ" އެޕް ތައާރަފުކުރި ރަސްމިއްޔާތު --- ވަންފޮޓޯ/ ހަމްދާން އަހުމަދު

ފުލުހުންގެ ބައެއް އެޕްތަކާ ގުޅޭ މައުލޫމާތު:

  • އިންޓާނަލް ވެބްސައިޓް މައިޕޯޓަލް: ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭ ރަސްމީ މުއާމަލާތްކުރެވޭނެ. ފުލުހުންނަށް ހުށަހަޅާފައިވާ ސިޓީގެ އަޕްޑޭޓްތައް ބަލައި ރަސްމީ މުއާމަލާތްކުރެވޭނެ (72 ގަޑިއިރު ޖަވާބު ލިބޭ). އެޥިޑަންސް ޕަބްލިކް އަތުގައި ހުރި ނަމަ، ކާކުކަން ނޭނގޭގޮތަށް ހުށަހެޅޭނެ. ޕޮލިސް ސެޓްފިކެޓަށް އެޕްލައިކުރެވޭނެ (ހަ މަސްވަންދެން ޑައުންލޯޑް ކުރެވޭނެ).
  • ޕޮލިސް އިންޓްރާނެޓް (2006 އިން ފެށިގެން): މިއަހަރު އެ އެޕްގެ ގިނަ ފީޒާޗްތަކެއް ބަދަލުކޮށް، މިހާރު ފުލުހުންގެ ސާވިސްތެރޭގައި އިއުލާނުކުރެވިފައިވާ އެންގުންތަކާއި އެ މުއައްސަސާގައި ކުރިއަށްގެންދާ އިވެންޓުތަކުގެ މައުލޫމާތު. ފުލުހުންގެ މުވައްޒަފުންނަށް ފަސޭހަކޮށް ބެލޭނެ ނިޒާމެއް.
  • ޕެމްސް: އިދާރީ ގޮތުން ލިޔާ ސިޓީ ނުވަތަ މެމޯ ފަދަ ތަކެތި ޕްރިންޓުނުކޮށް (އެންޓްރީ މެނޭޖުމަންޓް ސިސްޓަމްގެ ތެރެއިން) ބޭނުންކުރާ ނިޒާމެއް.
  • ސައިބާ ކޯނާ: ފުލުހުންނަށް ސައިބާ ސެކިއުރިޓީއަށް އަހުލުވެރިކުރުން.
  • ސައިބާ ޕޯޓަލް: (ޕޮލިސް އެޕްލިކޭޝަން ތެރޭގައި އިންނަ ހާއްސަ ޕޮލިސް ސްކޭމް ޕޯޓަލް)، ސްކޭމް ނަމްބަރެއް ނުވަތަ ސްކޭމް އެކައުންޓެއް، ސްކޭމް ބޭންކު އެކައުންޓެއްވެސް ބަލައިލެވޭނެ.
  • ކޭސް ލެޖާ: މައްސަލަތަކުގައި ފުލުހުންގެ ތަހުގީގަށް ނަގާ ފައިސާތައް އެންމެ އެކަށީގެންވާ ގޮތުގައި ވަކިވަކިން މެނޭޖުކުރުން. ފުލުހުންގެ ތަހުގީގަށް ނަގާ ފައިސާތައް ފުލުހުންގެ ފައިނޭންސްއިން ޑިޕޮސިޓްކުރާ މިނިސްޓްރީތައްވެސް ބަލައިލެވޭނެ.