ސާވިސް ޗާޖްގެ ގޮތުގައި ރިސޯޓުތަކުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން އެ ފައިސާ މުވައްޒަފުންނަށް ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅަން ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާއަށް ގެންނަން މި ބިލުގައި ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ކަނޑައެޅުމަށެވެ.
ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުންނެވެ. ބިލަގައިވެސް ވަނީ އެގޮތަށް ކަނޑައަޅައިފައެވެ.
މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލުގައި ހުށަހަޅާފައިވެއެވެ.
އެގޮތަށް އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކަށް ސާވިސްޗާޖް ދޭންޖެހޭގޮތަށް މިހާރު ގާނޫނަކު ނޯވެއެވެ. އަދި މިހާރު އޮންނަގޮތުން އެ މީހުންނަށް މުސާރަ ދޭނީ ވެސް ރިސޯޓްތަކުން ނޫނެވެ.
މި ބިލްގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއްނަމަ އެ މުވައްޒަފަށް ވެސް ސާވިސް ޗާޖް ދޭންޖެހޭނެއެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ބިލުގައި ވިދާޅުވެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ ކަމަށެވެ.
އެހެންކަމުން މި ބިލަކީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ފުރިހަމައަށް ލިބިދިނުމަށް ހުށަހަޅާ ބިލެއް ކަމަށްވެސް ބިލުގައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް