މާލޭ ސިޓީން ގޯތިދިނުމުގައި ބަލާ ކަންކަމުގެ ތެރެއިން، ފަސް އަހަރުގެ ރަށްވެހިކަމުގެ މުއްދަތު ކުރުކުރުމާ މެދު ވިސްނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބައެއް ފަރާތްތަކުން އެދިފައިވާ ގޮތަށް އެ ޝަރުތަށް ބަދަލު ގެނައުމާ މެދު ވެސް ވިސްނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކަނޑައަޅާފައި މި އިންނަނީ ފަސް އަހަރު މާލޭގެ ރަށްވެއްސަކަށް ވެފައި ހުންނަންޖެހޭނެ ކަމަށް. ފަސް އަހަރު މާލޭގައި ރަށްވެއްސަކަށް ވެފައި އޮތް މީހާއަށޭ ކުރިމަތިލެވެނީ. އެވެސް އަޅުގަނޑުމެން އީޖާބީ ގޮތެއްގައި ވިސްނާނަން، ޕޮޒިޓިވް ނޯޓެއްގައި ވިސްނާނަން. ވިސްނާފައި އެއަށް ގެނެވޭނެ އެންމެ ބޮޑު ލުޔެއް ގެނެސްދީ، އެ މުއްދަތު ކުރުކޮށްދެވޭނެ އެންމެ އެންމެ ބޮޑަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ނަމަ، އެ ފަސް އަހަރުގެ މުއްދަތު އެއްކޮށް އުވައިވެސް ލެވިދާނެ ކަމަށާއި ސަރުކާރުން ބޭނުންވަނީ ފުލެޓުތަކަށް އަދި ގޯތިތަކަށް ކުރިމަތިލާން ވީހާވެސް ގިނަ ރައްޔިތުންނަށް އެ ފުރުސަތުދޭން ކަމަށެވެ. އަދި އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް ވެސް ހައުސިން ސްކީމުތަކަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަދަލެއް މި ގެންނަނީ އެއް ކޮޓަރި ފްލެޓު ދޫކޮށްލާ ކަމަށްވަންޏާ އަޅުގަނޑުމެން ހުޅުވާލާ ތިން ކޮށްޓަރީގެ ސްކީމަށް ކުރިމަތިލެވޭ ގޮތަށް، އެ ޝަރުތު އެބަ ބަދަލުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބަދަލުތައް ގެންނަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށާއި އަދި ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއި އިހުސާސްތަކާ އެއްގޮތަށް ކަމަށެވެ.