އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް މި ސަރުކާރުން ހުޅުވާލާ ތިން ކޮޓަރީ ފުލެޓު ސްކީމަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުންތަކުގައި ގިނަ ބަޔަކު ވަނީ އެއް ކޮޓަރީގެ ފުލެޓުތައް ލިބިފައިވާ މީހުންނަށް އިތުރު ހައުސިން މަޝްރޫއަކަށް ކުރިމަތިނުލެވޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެކަމާ ގުޅޭގޮތުން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މީގެ ކުރިން މަޖުބޫރުވެގެން ނުވަތަ އެކި ސަބަބުތަކާ ހުރެ އެއް ކޮޓަރީގެ ފުލެޓުތަކަށް ކުރިމަތިލައިގެން ފުލެޓު ލިބުނު މީހުން އެބަތިބި ކަމަށާއި މިހާރު އިއުލާންކޮށްފައި އޮތްގޮތުން އެ ފަރާތްތަކަށް ޝަރުތު ހަމަނުވާނެ ކަމަށެވެ.
އެ ފުލެޓުތައް އެ ފަރާތްތަކަށް ލިބިފައިވަނީ ވަރަށް ކުރިން ކަމަށާއި ނަމަވެސް މިހާރު އާއިލާ ބޮޑުވަމުން ގޮސް، ބޮޑު އާއިލާތަކަށް އެތަންތަނުގައި ދިރިއުޅެން ދަތިވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން ބަދަލެއް މި ގެންނަނީ އެއް ކޮޓަރި ފްލެޓު ދޫކޮށްލާ ކަމަށްވަންޏާ އަޅުގަނޑުމެން ހުޅުވާލާ ތިން ކޮށްޓަރީގެ ސްކީމަށް ކުރިމަތިލެވޭ ގޮތަށް، އެ ޝަރުތު އެބަ ބަދަލުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެގޮތަށް އެ ބަދަލުތައް ގެންނަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށާއި ކުރިއަށްއޮތް ތަނުގައި ރައްޔިތުން ބޭނުންވާ ނަމަ، އެހެނިހެން ބައެއް ޝަރުތުތަކަށް ވެސް ބަދަލު ގެނައުމާ މެދު ވިސްނަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު