އެއް ކޮޓަރީގެ ފުލެޓުތައް ލިބިފައިވާ މީހުންނަށް އެހެން ހައުސިން ސްކީމަކުން ފުރުސަތު ލިބޭގޮތަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވެފައިވަނީ، އެއް ކޮޓަރީގެ ފުލެޓެއް ލިބިފައިވާ މީހުންނަށް ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ ފުލެޓުތަކަށް ކުރިމަތިނުލެވޭ މައްސަލައިގައި މީހަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް އިތުރު ހައުސިން ސްކީމެއް ނުލިބޭ މައްސަލައިގައި ސީރިއަސްކޮށް ވިސްނަވައި، އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ސަރުކާރުން ތިކަމަށް ހަމަ ސީރިއަސްކޮށް ވިސްނާނަން. އެއް ކޮޓަރީގެ ފުލެޓު، ސަރުކާރުގެ ހައުސިން ސްކީމަކުން ލިބިފައިވާ ފަރާތްތައް އެތަން ދޫކޮށްލާފައި މިއަށް އެޕްލައި ކުރެވޭނެތޯ ތި ބޭފުޅުން ތިޔަ ވިދާޅުވާ ކަންތަކަށް އޭގެ އެންމެ އީޖާބީ ގޮތެއްގައި، ޕޮޒިޓިވް ގޮތެއްގައި ރަނގަޅު ހައްލެއް ގެނެސްދޭން ސަރުކާރު ތެރޭ މިހާރު އެކަން ބަލަމުން މިދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން ސަރުކާރުން ބެލުމަށްފަހު ކުރިއަށްއޮތް ދުވަސްތަކުގެ ގޮތެއް ނިންމާފައި ހާމަކުރައްވާނެ ކަމަށާއި އެ ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ހާލަތު އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމަ އެއް ކޮޓަރީގެ ފުލެޓު ދޫކޮށްލާފައި ގޯއްޗަށްލުން، އެކަމަށް ހަމަ ރަނގަޅު ހައްލެއް ރައްޔިތުންނަށް ކަށަވަރު ގެނެސްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.